ރަސްފަންނުގެ މޫދުގެ ތެރެއިން ތޫނު އިތާތަކެއް ފެނިއްޖެއެވެ.
ޣިޔާސުއްދީން ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަލީ މުސްތަފާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ރަސްފަންނު މޫދުގައި ގިނަ އަދަދަކަށް ތޫނު އިތާ ފެނިފައިވާ ކަމަށާއި އެހެންކަމުން އެކަމަށް ސަމާލުވުމަށެވެ.
ޕޯސްޓާ އެކު މުސްތަފާ ވަނީ އޭނާ އެ ސަރަހައްދުގައި ފީނައިގެން ނަގާފައިވާ ބައެއް އިތާތަކުގެ ފޮޓޯ ވެސް އާންމުކުރައްވައިފައެވެ. އެއީ ކޮޅު ވަރަށް ތޫނުކޮށް ހުންނަ ”ފޭން ކްލޭމް“ ކަން އެނގިފައިވެއެވެ.
މުސްތަފާ ވިދާޅުވީ އިތާތައް ހުރީ މޫދުގެ ވެލިގަނޑުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފައި ކަމަށެވެ. އެއީ ވަރަށް ތޫނުކޮށް ހުންނަ އެއްޗަކަށް ވާތީ، މޫދުގެ ވެލިގަނޑުމަތިން ހިނގާއިރު އެއަށް އެރި ފައި ކަނޑައިގެން ހިނގައިދާނެ ކަމަށެވެ. އެހެންކަމުން މިއީ ސަމާލުވާން ޖެހޭ ކަމެއްކަމަށް ޕޯސްޓުގައި ބުނެފައިވެއެވެ.
އަލީ މުޒްތަފާ ވަނީ އެންމެ ގިނައިން އިތާތައް އޮތް ސަރަހައްދު މެޕެއްގައި ފާހަގަކޮށްދެއްވައިފަ އެެވެ. އެ ފޮޓޯގައިވާ ގޮތުން އިތާ އެންމެ ގިނައިން ޖަމާވެފައި އޮތީ ރަސްފަންނުގެ ރެސްޓޯރަންޓުގެ މޫދާ ދިމާލަށެވެ.
”ހިކިފައި އޮންނައިރު ވަރަށް ގިނަ ބަޔަކު މިތަނުން ހިނގައި އުޅޭނެ. އެހެންވީމަ، ހުސް ފަޔާ އުޅޭ ނަމަ، ތަންކޮޅެއް ސަމާލުވޭ.“ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ.
މުސްތަފާ ލިޔުއްވާފައިވާ ގޮތުގައި ކުޑަ މަސްކޮޅެއް އޮންނަ އެއްޗަކަށް ވިޔަސް ގިނަ ބަޔަކު މި ނަގާ ނަމަ އެތަނުން އެ މަދުކުރެވި، މޫދަށް އެރޭ މީހުންނަށް ނުރައްކާ ކުޑަކުރެވިދާނެ ކަމަށެވެ.



