ސްކޫލް ބަންދާއި ދިމާކޮށް، މޯލްޑިވިއަން އިން އިންޑިއާގެ މަންޒިލްތަކަށް ކުރަމުންދާ ދަތުރުތައް އިތުރުކޮށްފި އެވެ.
މޯލްޑިވިއަނުން ފްލައިޓްތައް އިތުރުކޮށްފައި ވަނީ އެ އެއާލައިނުން އިންޑިއާގެ ކެރެލާ ސްޓޭޓްގެ ކޮޗިންއަށާއި، ތްރިވަނަންތަޕޫރަމް އަށެވެ.
ކޮޗިންއަށް އިތުރު ހަތަރު ފްލައިޓެއް ތާވަލްކޮށްފައި ވެއެވެ. އެއީ، މިމަހުގެ 8 ވަނަ ދުވަހާއި ،17 ވަނަ ދުވަހާއި، 21 ވަނަ ދުަވހުގެ އިތުރުން ޖޫން މަހުގެ 19 ވަނަ ދުވަހުގައި ދަތުރު ކުރުމަށެވެ. ދަތުރު ތާވަލުކޮށްފައިވަނީ، މާލެއިން ކޮޗިންއަށް ރޭގަނޑު 19:35 އަށް ދަތުރު ކުރުމަށެވެ. އަދި ކޮޗިންއިން މާލެއަށް ކުރާ ދަތުރު 22:35 ގައި ދަތުރު ފެށުމަށެވެ.
ތްްރިވަނަންތަޕޫރަމް ނުވަތަ ޓްރިވެންޑްރަމް އަށް އިތުރުކޮށްފައިވަނީ ތިން ފްލައިޓެވެ. އެއީ މިމަހު 6 ވަނަ ދުވަހާއި، 10 ވަނަ ދުވަހާއި، 20 ދުވަހުގައި ދަތުރު ކުރުމަށެވެ. ދަތުރު ތާވަލުކޮށްފައިވަނީ، މާލެއިން ކޮޗިންއަށް ރޭގަނޑު 19:35 އަށް ދަތުރު ކުރުމަށެވެ. އަދި ކޮޗިންއިން މާލެއަށް ކުރާ ދަތުރު 22:20 ގައި ދަތުރު ފެށުމަށެވެ.
މޯލްޑިވިއަން ދަތުރުތައް އިތުރުކުރި ދެ މަންޒިލަކީ ސްކޫލް ޗުއްޓީއަށް ގިނަ ދިވެހިން ދަތުުރުކުރަމުން އަންނަ ދެ ސިޓީއެވެ. ގިނަ އަދަދެއްގެ ދިވެހިން ބޭސް ފަރުވާ އަށާއި، އެހެނިހެން އަސާސީ ބޭނުންތަކަށް އެ ދެ ސިޓީގައި ދިރިއުޅެމުންދާއިރު، ބޭސްފަރުވާ އަށާއި، އާއިލާ މެންބަރުންނަށް ޒިޔާރަތްކުރުމަށް ގިނަ ބަޔަކު ސްކޫލް ބަންދާއި ދިމާކޮށް މިދެ ސިޓީޢަށް ދިވެހިން ދަތުރުކުރެއެވެ.
ބައިނަލްއަގުވާމީ އުދުހުންތަކުގެ އިތުރުން އެތެރޭގެ އުދުހުންތައްވެސް ކަސްޓަމަރުންގެ ޑިމާންޑަށް ބަލާ މޯލްޑިވިއަނުން ދަނީ ދަތުރުތައް އިތުރުކުރަމުންނެވެ. އެގޮތަށް އިތުރުކުރަނީ ރައްޔިތުންނަށް މޯލްޑިވިއަންގެ ޚިދުމަތްތައް ލިބިގަތުމުގައި ލުއިފަސޭހަވާނެގޮތެއް ފަހިކޮށްދިނުމުގެގޮތުންކަމަށް މޯލްޑިވިއަނުން ބުނެއެވެ.



