ކެންސަރު ޖެހިފައިވާ މީހަކަށް އެހީވުމުގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވާން ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.
މަކަރާއި ހީލަރުން އޮޅުވާލައިގެން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައް ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުންނެވެ.
އެގޮތުން ބައެއް މީހުން، އެކި ކަހަލަ ލިންކުތައް ފޮނުވައިގެން ހެކް ކޮށްގެން އެހެން މީހުންއަތުން ފައިސާ ފޭރެއެވެ. އަދި ބައެއް މީހުން ދޮގު ހަދައިގެން ވެސް މީހުން އަތުން ފައިސާ ހޯދައެވެ. އެފަދައިން މިފަހަރު ފައިސާ ހޯދާފައިވަނީ ކެންސަރު ބަލި ޖެހިފައިވާ މީހަކަށް އެހީވުމަށް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ޖަހައިގެންނެވެ.
ފުލުހުން އެންޓި ސްކޭމް ސެންޓަރުން ކުރި ޕޯސްޓެއްގައި ވަނީ، ދީނުގެ މަގު ކިޔާ ފޭސްބުކް ޕޭޖެއްގައިވާ ޕޯސްޓެއް ހިއްސާކޮށްފައެވެ.
އެ ޕޭޖުން ކުރި ޕޯސްޓެއްގައި ވަނީ، އައިޝަތު މާޖިދާ ކިޔާ ޒުވާން ކުއްޖަކަށް ކެންސަރު ޖެހިފައިވާ ކަމަށް ބުނެ، އެހީއަށް އެދިފައެވެ. އެ ކުއްޖާގެ ފަރުވާއަށް ހަ މަހާއި އަށް މަހާ ދެމެދަށް އިންޑިއާގައި ހޭދަކުރަން ޖެހޭނެކަމަށް ބުނެ، އެ ޕޯސްޓުގައި ވަނީ ފައިސާ ފޮނުވާނެ އެކައުންޓު ނަންބަރު ވެސް ހިއްސާކޮށްފައެވެ.
މާޖިދާ ކަމަށް ބުނެ، އާންމުކޮށްފައިވާ މީހާގެ ފޮޓޯއަކީ މުޝްފިކާ ސުލްތާނާ ކިޔާ ބޭރު މީހެއްކަން ފުލުހުން އާންމުކުރި ފޮޓޯތަކުން އެނގެއެވެ. މި ކަމާ ގުޅިގެން ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނީ، އޮޅުވާލައިގެން މީހުންނަށް ގުޅުމާއި ސައްހަ ނޫން ގޮތުގައި އެހީއަށް އެދޭ މީހުންނަށް ނުވަތަ ސްކޭމަރުންނަށް ސަމާލުވާން އިލްތިމާސްކޮށްފައެވެ.
އެފަދަ ސްކޭމުތަކަށް ސަމާލުވުމަށް ކުރެވޭނެ ކަންކަން ވެސް އެ ސެންޓަރުން ވަނީ ކިޔައިދީފައެވެ. މި ގޮތުން، ފޮޓޯއަކަށް ބަލާފައި އެހީވުމުގެ ކުރިން، ގޫގުލް އިމޭޖަސް ފަދަ ވަސީލަތެއް ބޭނުންކޮށްގެން ”ރިވާސް އިމޭޖް ސާޗް“ ކުރުމަށް ވަނީ އެދިފައެވެ.
މިގޮތުން، ފޮޓޯ އަޕްލޯޑް ކޮށްލުމުން، އެ ފޮޓޯ އިންޓަނެޓްގެ އެހެން ތަނެއްގައި، ތަފާތު ނަންތަކެއްގައި ނުވަތަ ތަފާތު ވާހަކަތަކާއެކު ބޭނުންކޮށްފައިވޭތޯ ބެލުމަށާއި އެއް ފޮޓޯއެއް ތަފާތު އެކި ކަންކަމުގައި އެހީ ހޯދަން ބޭނުންކޮށްފައިވާނަމަ، އެއީ ސްކޭމެއް ކަމުގެ ބޮޑު ނިޝާނެއްކަން ފުލުހުން ފާހަގަކުރިއެވެ.
އޭގެ އިތުރަށް، އަމިއްލަ މީހުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރުމަށް އެދިފައި ހުންނަ ހާލަތްތަކުގައި އިތުރަށް ސަމާލުވުމާއި ގުޅާ މީހަކަށް މައުލޫމާތު ނުދީގެން ބިރުދައްކާނަމަ، ފޯނު ކަނޑާލުމަށާއި އޯޓިޕީ ހިއްސާނުކުރަން ފުލުހުން އިލްތިމާސްކުރިއެވެ.



