ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މިދިޔަ އަހަރު އެންމެ ނަން ވިދާލަން ފެށި ”ޓޫ އޮފް އަސް“ މިޔުޒިކު ބޭންޑުން، އެ ބޭންޑުން އެންމެ އިސް އެއް މިޔުޒީޝަން/ގިޓަރިސްޓް ކަމަށްވާ އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އެ ބޭންޑުން ވަކިވެއްޖެއެވެ.
ޝަހީދު ލެގަސީ ”ޓޫ އޮފް އަސް“ އިން ވަކިވާން ނިންމައިފިކަމަށް މީގެ ދެ ދުވަސް ކުރިން އަޑު ފެތުރުނުނަމަވެސް، އެކަން އެއިރު ވަނީ ޔަގީން ކުރެވޭގޮތް ނުވެފައެވެ.
ނަމަވެސް މިއަދު އޭނާ ވަނީ މިކަން ޔަގީންކޮށްދީ، އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުގައި މިކަމާ ގުޅޭގޮތުން ރަސްމީކޮށް ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ޝަހީދު ވަނީ، ”ޓޫ އޮފް އަސް“ ބޭންޑުން ފައިސާގެ ކަންކަމުގައި މަކަރު ހަދާކަމަށް ވެސް ތުހުމަތު ކޮށްފައެވެ.
ޝަހީދު ބުނީ މި ނިންމުމަކީ އޭނާއަށް ނިންމަން ވަރަށް އުނދަގޫވި ނިންމުމެއް ކަމަށާއި ވަކިވާން ނިންމީ އެކަމާމެދު ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ވިސްނުމަށްފަހު ކަމަށެވެ.
”ޓޫ އޮފް އަސް“ އިން ވަކިވާން ނިންމީ އިތުރު ގޮތެއް ނެތުމުން ކަމަށާއި ދިވެހި މިއުޒިކް ކޮމިއުނިޓީގައި ހުރި މައްސަލަތައް ސަޕޯޓަރުންނާއި ފޭނުންނަށް އެނގުން މުހިންމު ކަމަށް އޭނާ ދެކޭތީ ކަމަށް ވެސް އެ ބަޔާނުގައި ޝަހީދު ބުނެފައިވެއެވެ.
ބަޔާނުގައި ޝަހީދު ފާހަގަކުރި ގޮތުގައި އޭނާ ”ޓޫ އޮފް އަސް“ އިން ވަކިވާން ނިންމި މައިގަނޑު ސަބަބެއްގެ ގޮތުގައި، އެ ބޭންޑުގެ މާލީ ކަންކަން ދެ ފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ނުގެންދިޔުން ހިމެނެއެވެ. އަދި އެއްބަސްވެފައިވާ ގޮތަށް އުޖޫރަ ނުދިނުމަކީ އެ ބޭންޑުގައި ދެމިހުރުން އުނދަގޫވި ކަމެއް ކަމަށާއި އެއީ އޭނާގެ 25 އަހަރުވީ މިޔުޒިކީ ދާއިރާއަށް ވެސް ކުރިއެރުން ނުލިބުންކަމުގައި ދެކޭ ކަމަށް ވެސް ބުނެފައިވެއެވެ.
ޝަހީދުގެ ބަޔާނުގައި މީގެއިތުރުން ފާހަގަކޮށްފައިވާ ގޮތުގައި، ބޭންޑުގެ މިހާރުގެ އޮނިގަނޑު ރޭވިފައި އޮތީ އެންމެން ގުޅިގެން ކުރާ މަސައްކަތެއްގެ ބަދަލުގައި، އެކަކު ބޭނުންވާ ގޮތަށް ހިންގާ ”ވަން މޭން ޝޯ“ އެއްގެ ގޮތަށެވެ. އަދި ބޭންޑުގެ މިއުޒިކީ މިސްރާބު އޭނާގެ ސްޓައިލާއި ކްރިއެޓިވިޓީއާ ދުރަށް ދިއުމުގެ އިތުރުން، އާ އުފެއްދުންތަކެއް ނެތުމުން ބޭންޑަށް އިތުރު ކުރިއެރުމެއް ހޯދައިދިނުމަށް ހުރަސް އެޅޭކަމުގައި ވެސް ޝަހީދު ބުނެފައިވެއެވެ.
”ޓޫ އޮފް އަސް“ އިން ވަކިވާން ނިންމިކަމުގައި ވިޔަސް، އިންޑިއާގެ ރިއަލިޓީ ޝޯ ”ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް“ގައި ބައިވެރިވުމަށް ފުރުސަތު ލިބުނު ޝަރަފެއް ކަމަށާއި އެކަމަށްޓަކައި އަބަދުވެސް ޝުކުރުވެރިވާނެ ކަމަށް ވެސް ޝަހީދު ބުނެފައިވެއެވެ.




