މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ ސްކީމުން ފުލެޓާއި ބިމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
އެކަން ހާމަކޮށްފައި ވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ހައުސިން އިން މިއަދު ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި މިނިސްޓްރީން ބުނީ“ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ ”ޢާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމުން ދޫކުރުމަށް ހަމަޖެހިފައިވާ ފުލެޓާއި ބިމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.
އެގޮތުން އެ ސްކީމްތަކަށް ހުށައެޅުމުގެ އުސޫލާއި ޝަރުތުތަކާއި މާކްސް ދޭނެ އުސޫލުތައް ވަނީ ގެޒެޓުގައި ޝާޢިއުކޮށްފައެވެ.
އަންނަ އެޕްރީލް މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް އެ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ސަރުކާރުން ވަނީ ހުޅުވާލާފައެވެ.
ސަރުކާރުން މާލެ ސަރަހައްދުންނާއި ރަސްމާލެ އިން ދޫކުރަން ހަމަޖެހިފައިވަނީ ޖުމްލަ 7،900 ފްލެޓާއި 1،250 އަކަފޫޓުގެ 15,000 ގޯއްޗެވެ. ފްލެޓުތައް ދިނުމުގައި 15 ކެޓަގަރީއެއް ކަނޑައަޅާފައިވާއިރު، މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓު އަދި މާލޭގައި ރަށްވެހިފައިނުވާ ނަމަވެސް މާލޭގައި ދިރިއުޅޭ ފަރާތްތަކަށް 1،500 ފްލެޓު ހާއްސަކޮށްފައިވެއެވެ.
މާލޭގެ ރަށްވެހިންނަށް ހާއްސަ ކުރި 4،000 ފްލެޓުގެ ތެރެއިން 2،200 ފްލެޓު މާލޭ ގެއެއްގެ ރަޖިސްޓަރީގައި ތިބި ފަރާތްތަކަށް، 300 ފްލެޓު ވިލިމާލޭގެ ރަޖިސްޓަރީގައި ތިބި ފަރާތްތަކަށް، 1،000 ފްލެޓު ދަފްތަރުގައި ތިބި ފަރާތްތަކަށް އަދި 500 ފްލެޓު ފަހުން މާލޭ ގެއެއްގެ ރަޖިސްޓަރީގައި ރަޖިސްޓަރީވި ފަރާތްތަކަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.




