އެމްބިއުލާންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން 56 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ޙަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އަތޮޅު ހޮސްޕިޓަލް އަދި ސިއްޙީ މަރުކަޒުތަކާ އެމްބިއުލާންސްގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ އާބާދީ ބެހިފައިވާގޮތުން ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި ގޮންޖެހުންތައް ދިމާވާކަމަށެވެ.
ސިއްޙީ ނިޒާމުގައި ހުރި ގޮންޖެހުންތަކުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ބައެއް ރަށްތަކުގައި އެމްބިއުލާންސް ލިބި އެހެންނަމަވެސް މެއިންޓަނަސް ނުކުރެވުމުގެ ސަބަބުން ހަލާކުވެފައި އެބަހުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން އެކަމަށް ހައްލު ހޯދުމުގެ ގޮތުން އެމްބިއުލާންސް ބޭނުންވާ ތަންތަނަށް އެމްބިއުލާންސް ފޯރުކޮށްދިނުމަށް ހެލްތު މިނިސްޓްރީން ފެށި މަސައްކަތުގެ ދަށުން އެމްޕީއެލްއާއި އެ މަސައްކަތް ހަވާލުކޮށް މި މަސައްކަތުގެ ފުރަތަމަ 56 އެމްބިއުލާންސް ރަށްތަކާ ހަވާލު ކުރެވިގެން ދިޔުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އެކަމަށް ދެއްވާ އަހަންމިޔަތުކަން ހާމަވެގެންދާ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެ މަސައްކަތުގެ ދަށުން ކުރިއަށް އޮތްތަނުގައި ބޮޑެތި ސިޓީތަކަށް ބޭނުންވާ އެމްބިއުލާންސްވެސް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.


