ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މިދިޔަ އަހަރުން ފެށިގެން އެންމެ ބޮޑަށް ނަން ވިދާލަން ފެށި ”ޓޫ އޮފް އަސް“ މިޔުޒިކު ބޭންޑު ރޫޅިއްޖެއެވެ.
އެ ބޭންޑު ރޫޅިފައި މިވަނީ، ބޭންޑުގައި މިވަގުތު ދެން ބާކީ ތިބި 3 މެންބަރުން ކަމަށްވާ އަހްމަދު ޖަޝީމް، މުޙައްމަދު ނަސޫހް އަދި މުޙައްމަދު ހިސާމް ވެސް ”ޓޫ އޮފް އަސް“ އިން ވަކިވާން ރޭގައި ނިންމައި އެކަން އިއުލާނު ކުރުމާ ގުޅިގެންނެވެ.
ނަސޫހާއި، ޖަޝީމް އަދި ހިސާމް ވެސް ”ޓޫ އޮފް އަސް“ އިން ވަކިވާން ނިންމިއިރު އެ ބޭންޑުގެ ގިޓަރިސްޓު އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) ވެސް އިއްޔެ ވަނީ އެ ބޭންޑުން ވަކިވާން ނިންމައި އެކަން އިއުލާނުކޮށް ބަޔާނެއް ނެރެފައެވެ.
ހަމައެފަދައިން ނަސޫހާއި، ޖަޝީމް އަދި ހިސާމްގެ ނަމުގައި ރޭގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ މީހުން ވެސް ”ޓޫ އޮފް އަސް“ އިން ވަކިވާން ނިންމީ އެ ބޭންޑުން މާލީ ކަންކަން ދެ ފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ނުގެންދިޔުމާއި ފައިސާ ދިނުމުގައި ހަރުދަނާ އުސޫލެއް ނުގެންދިޔުމުން ކަމަށެވެ.
”ހިތާމައާއެކީ ބުނަންޖެހޭނީ، ނުހަނު ޖޯޝާއި ފޯރީގައި ފެށި އަހަރުމެން ފެށި ދަތުރު ފަހުން ބަދަލުވީ ވަރަށް ވެސް ނެގަޓިވް މާހައުލަކަށޭ. މިއާއެކު، ވަރުގަދަ އެކަތި ގަނޑެއްފަދަ ބޭންޑެއްގެ މަސައްކަތް ފަހުން ބަދަލުވީ އެންމެ މީހަކު ހިންގައި، އެންމެ މީހެއްގެ ބަސްވިކޭ ބޭންޑަކަށް“ އެ ބަޔާނުގާއި ބޭންޑުގެ ތިން މެންބަރުން ބުނެފައިވެއެވެ.
ޝަހީދު ލެގަސީ ފަދައިން ނަސީހު، ޖަޝީމް އަދި ހިސާމް ވެސް ބުނެފައިވަނީ ”ޓޫ އޮފް އަސް“ އިން ވަކިވާން ނިންމި ކަމުގައިވިޔަސް އިންޑިއާގެ ރިއަލިޓީ ޝޯ ”ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް“ގައި ބައިވެރިވުމަށް ފުރުސަތު ލިބުމަކީ ލިބުނު ޝަރަފެއް ކަމަށާއި އެކަން އަބަދުވެސް ހަނދާންކޮށް އެކަމަށްޓަކައި އަބަދުވެސް ފަޚުރުވެރިވާނެ ކަމަށެވެ.
”ޓޫ އޮފް އަސް“ ގެ 4 މެންބަރުން މިހާރު އެ ބޭންޑުން ވަކިވާން ނިންމުމާ ގުޅިގެން، ގިނަ ބައެއްގެ ފާޑުކިޔުން އެ ބޭންޑުގެ ލީޑަރު އަދުހަމްއަށް މިހާރު ވަނީ އަމާޒުވެފައެވެ. އެގޮތުން މި 4 މެންބަރުން ބޭންޑުން ވަކިވާން ނިންމުމުން އެކަމާ ގިނަ ބަޔަކު އުފާފާޅު ކުރިއިރު، ބައެއް މީހުން ބުނި ގޮތުގައި މިއީ ބޭންޑުގެ މެންބަރުންނާ ދޭތެރޭ އަދުހަމް ކުރި ނޭދެވޭ އަމަލުގެ ހިތި ނަތީޖާއެވެ. އަދުހަމްއަކީ އެތައް ބަޔަކަށް ފައިސާ ނުދީ އުޅޭ މީހެއް ކަމަށާއި ފައިސާގެ ކަންކަމުގައި މަކަރު ހަދާ މީހެއްކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.



