ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިއަދު މެންދުރު ފަހު 3:00 އަށް ހަމަވަން ކައިރިވިއިރު އެ ލިސްޓަށް މިހާތަނަށް ލިބިފައި ވަނީ 639 ޝަކުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ޑަބްލިޔުޑީސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ ޖަނަވަރީ 7ވަނަ ދުވަހުން ފެށިގެން މިއަދުގެ 15:00އާ ހަމައަށެވެ.
އީސީން ވަނީ އެ މުއްދަތުގެ ތެރޭގައި އާންމުކޮށްފައިވާ ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ ޗެކްކޮށް، އެ ރަޖިސްޓަރީގައިވާ މަޢުލޫމާތުތައް ކަށަވަރުކުރުމަށްފަހު އެއްވެސް ޝަކުވާއެއްވާނަމަ، ޝަކުވާގެ ގޮތުގައި އެ ކޮމިޝަނަށް ހުށަހަޅަން އެދިފައެވެ.
ސިޔާސީ ޕާޓީތަކުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ، ސިޔާސީ ޕާޓީއަށް ދީފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށްކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އީސީން އާންމުކުރި ރަޖިސްޓަރީގައި ހިމެނިފައިވާ މަޢުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވެސް އީސީން ވަނީ އެދިފައެވެ.



