ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް އެ ފުރުޞަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި ޑަބްލިޔުޑީސީ އިންތިހާބު އޮބްޒާވުކުރުމުގެ ފުރުސަތު އީސީން ހުޅުވާލާފައި ވަނީ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި ބޭރުގެ އެހެނިހެން ފަރާތްތަކާއި ވަކި ވަކި ފަރުދުންނަށެވެ.
ބޭރުގެ ފަރާތްތަކަށް އިންތިޚާބު ކަވަރުކުރުމަށް އެދި ފޯމް ހުށައެޅުމުގެ މުއްދަތު އީސީން ވަނީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 18ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.
އީސީން ބުނީ މި އިންތިޚާބު އޮބްޒާވްކުރުމަށް ހުށައަޅަންވާނީ އުމުރުން 18 އަހަރުވެފައިވާ މީހުން ކަމަށެވެ. އަދި އޮބްޒާވަރުންނާއި މޮނިޓަރުން އެއްވެސް ކެންޑިޑޭޓަކަށް ނުވަތަ ވަކި ސިޔާސީ ޕާޓީއަކަށް ކެމްޕެއިން ކޮށްދީގެ ނުވާނެ ކަމަށް އީސީން ބުނެފައި ވެއެވެ.



