ނ. ކުޑަފަރިއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނ. ކުޑަފަރި / ކެތި ، ސަހުލު މުޙައްމަދު (48އ) އެވެ.
ފުލުހުން މިއަދު ބުނީ ސަހުލު ހައްޔަރުކޮށްފައިވަނީ މާޅެންދޫއިން ކުޑަފަރިއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުޑަފަރި ޕޮލިހާއި މާޅެންދޫ ޕޮލިހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި މަހު 15 ވަނަ ދުވަހު ކުރިއަށްގެންދިޔަ އެ އޮޕަރޭޝަނުގައި ކުޑަފަރިއަށް ޑިންގީއެއްގައި އައުމުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 23 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން ސަހުލު މުޙައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.


