އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީއާ، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީ ގުޅިގެން އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ބާއްވާ ކާބޯތަކެތީގެ މައުރަޒު ’ރަހަފަތް‘ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީން ބުނީ ”ރަހަފަތް“ މައުރަޒަކީ އިސްރަށްވެހިންގެ މެދުގައި އޮތް ކާބޯތަކެތި ތައްޔާރުކުރުމުގެ މުއްސަނދި ސަގާފަތާއި، ދިވެހިވަންތަ އަޞްލު ރަހަތައް ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި ބާއްވާ ޚާއްޞަ މައުރަޒެއް ކަމަށެވެ.
މި މައުރަޒުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ދިވެހި ސަގާފީ ކާބޯތަކެއްޗާއި ރަހަތައް އުފެދިގެން އައި ގޮތްތަކާއި، އެ ތަކެތި ތައްޔާރުކުރުމުގައި ހުންނަ ފަންނީ އުކުޅުތައް ޒުވާން ޖީލަށް ބުނެދީ، އެކަމަށް ޝައުޤުވެރިކަން އުފެއްދުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އޭގެ އިތުރުން އިސްރަށްވެހިންނާއި ޒުވާނުންނާ ދެމެދު އޮންނަ އިޖުތިމާޢީ ގުޅުން ބަދަހިކޮށް، ދިވެހިންގެ އަމިއްލަވަންތަ ކެއިންބުއިމުގެ ތަރިކަ ރައްކާތެރިކުރުމަށް މަގުފަހިކުރުމަކީވެސް މި މައުރަޒުގެ މުހިންމު މަޤްޞަދެއް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
”ރަހަފަތް“ މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އައިޑީކާޑު ހިފައިގެން މާލެ ނުވަތަ ހުޅުމާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީއަށް ޒިޔާރަތް ކުރުމުން ނަންނޯޓު ކުރެވޭނެއެވެ. މީގެ އިތުރުން 3027586 ނުވަތަ 3027587 އަށް ގުޅުއްވައިގެން ވެސް ރަޖިސްޓްރީ ކުރެއްވުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީން ބުނީ އެ ޕްރޮގްރާމްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު 18 ޖެނުއަރީ 2026 އިން ފެށިގެން 21 ޖެނުއަރީ 2026 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައި ކަމަށެވެ.
މިނިސްޓްެރީން ބުނީ އެ ޕްރޮގްރާމަށް ރަޖިސްޓްރީ ކުރާއިރު، މައުރަޒަށް ތައްޔާރުކުރާ ބާވަތްތަކުގެ ލިސްޓާއި އޭގެ އަދަދު ހިއްސާކުރަން ޖެހޭނެ ކަމަށެވެ.
ދެ މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތަކީ، އިސްރަށްވެހިން މުޖުތަމަޢުގެ އެކި ކަންކަމުގައި ޝާމިލުވެ، ހަރަކާތްތެރިވެ އުޅޭ މިންވަރު އިތުރުކުރުމަށް މަގުފަހިވެގެންދާނެ މުހިންމު ފުރުޞަތެއް ކަމަށް އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީން ބުނެފައި ވެއެވެ.
ހަމައެއާއެކު، މިއީ ދިވެހިންގެ މުއްސަނދި ސަގާފަތާއި އާދަކާދަތަކަށް ޒުވާނުން އަހުލުވެރިކުރުވައި، ޖީލުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވޭ މަސައްކަތްތައް ފުޅާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.



