ކޮމަންވެލްތްގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެެ 28ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ނިއު ދިއްލީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުاللهއާއި ވަފުދުގެ ބޭފުޅުން ރާއްޖެ ވަޑައިގެންފިއެވެ.
މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އިންޑިއާގެ ނިއު ދިއްލީއަށް ފުރާވަޑައިގެންފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.
އެ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ، އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ސީނިއަރ ފޮރިން ރިލޭޝަންސް އޮފިސަރ، ޢާއިޝަތު އީމާން ބައިވެރިވެވަޑައިގެންފައި ވެއެވެ.
13 އިން 18 އަށް ކުރެއްވި އެ ދަތުރުފުޅުގައި މަޖިލިސް ރައީސް އަބްދުއްރަހީމް ވަނީ އިންޑިއާގެ ޤާނޫނުހަދާ މަޖިލިސް، ލޮކް ސަބާގެ ރައީސް، އޮނަރަބަލް އޯމް ބިރްލާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްވެސް ކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ވަނީ ނިއު ދިއްލީގައި ކުރިއަށްގެންދާ ކޮމަންވެލްތުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެ 28ވަނަ ކޮންފަރެންސްގެ އިންތިޒާމުތަކުގެ ފުރިހަމަކަން ފާހަގަކުރައްވައި އެކަމަށް ތަޢުރީފު ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހާއި ލޮކް ސަބާއާ ދެމެދު އަބަދުވެސް އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި އެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ރާއްޖެއާއި އިންޑިއާއާއި ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ އެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.



