އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުން އަދި ޑެންގީ ހުން އިތުރުވަމުން ދާތީ އެކަމަށް ސަމާލުވުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިލްތިމާސްކޮށްފިއެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލަށް ފަރުވާ ހޯދަން އަންނަ މީހުންގެ ތެރޭގައި މި ބަލިތައް ޖެހިގެން އަންނަ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.
އެގޮތުން ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށާއި، ހޮސްޕިޓަލަށް ޒިޔާރަތްކުރާއިރު މާސްކް އެޅުމަށާއި ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތްނުކުރުމަށް ވެސް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.
ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުން، ކުޑަކުދިން، މާބަނޑު މީހުން އަދި ދިފާއީ ނިޒާމް ބަލިކަށި މީހުން މި ދުވަސްވަރު އިތުރަށް ސަމާލުވުމަށް ވަނީ އިރުޝާދު ދީފައެވެ. މީގެ އިތުރުން، ސާފިތާހިރުކަމަށް އިސްކަންދީ، ސައިބޯނިލައިގެން އަތްދޮވުމާއި ހޭންޑް ސެނިޓައިޒާ ބޭނުންކުރުމަށް ވެސް ވަނީ ބާރުއަޅާފައެވެ.
މީގެ އިތުރުން ޑެންގީ ހުން ފެތުރުން ހުއްޓުވުމަށްޓަކައި މަދިރި އާލާވާފަދަ ފެންހަރުލާ ތަންތަން ނައްތާލުމަށާއި، މަދިރި ހެފުމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ވެސް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފައެވެ.



