މީހެއްގެ ބޭންކު އެކައުންޓް ހެކްކޮށް ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. ގެމަނަފުށި / ރަންކޮކާގެ، ނަދީފް މުޙައްމަދު (36އ) އެވެ.
ފުލުހުން ބުނީ ނަދީފް މުޙައްމަދު ހައްޔަރުކޮށްފައި ވަނީ 2025 ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގައި މީހަކަށް ގުޅައި އޭނާއަށް އޯޓީޕީ ފޮނުވަން ބުނުމުން އޯޓީޕީ ފޮނުވި ފަހުން އެމީހާގެ ބޭންކު އެކައުންޓުން ފައިސާ ކެނޑިފައިވާކަމަށް ބުނެ ފުލުހުންނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 2025 ޑިސެންބަރު 29 ވަނަ ދުވަހު ކަމަށެވެ.
އެގޮތުން މި މައްސަލާގައި މިހާތަނަށް ބެލިބެލުމުން އޭނާ ވަނީ 29،600 އަށްވުރެ ގިނަ ފައިސާ އެހެން މީހެއް އެކައުންޓަށް ޖަމާކޮށް، އެކިފަހަރު މަތިން 24،700 ރުފިޔާ އޭޓީއެމް މެދުވެރިކޮށް ނަގާފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ 4900 އަށްވުރެ ގިނަ ރުފިޔާ އެހެން ފަރާތެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު އެ ފައިސާތައްވެސް ނަގާފައިވާކަމަށްވެސް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
މީގެއިތުރުން ނަދީފް މުޙައްމަދު އަކީ އެކި ފަރާތްތަކުގެ އަތުން ކޭޝްކާޑު ކުއްޔަށް ނަގައިގެން އޭޓީއޭމް މެދުވެރިކޮށް ސްކޭމްގެ ފައިސާ ނަގަމުންދާ މީހެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށާއި އެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 7 ދުވަހުގެ މުއްދަތެއް ދީފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލަ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ދަނީ ތަހުގީގު ކުރަމުންނެވެ.



