ފުޑް އެންޑް ޑްރަގު އޮތޯރިޓީ މެދުވެރިކޮށް ނަގަން ޖެހޭ ހުއްދަތައް ނުނަގައި، ބަރުދަން ލުއިކޮށް މޫނާއި ހަންގަނޑު އޮމާންކޮށްދޭ ކަމަށް އިޝްތިހާރުކޮށް ބޭސް ވިއްކަމުންދާ އޮންލައިން ޕޭޖުތަކާއި ފާމަސީތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމްއެފްޑީއޭ އިން ދީފި އެެވެ.
އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، ވިޔަފާރީގެ އުސޫލުން ރާއްޖެއަށް ބޭސް އިމްޕޯޓްކޮށް ވިއްކޭނީ ބޭހާބެހޭ ގަވާއިދު (2014/R-46) ގެ ދަށުން އެ އޮތޯރިޓީގައި ރަޖިސްޓްރީވެ، ހުއްދަ ލިބިގެން ކަމަށާއި އެތެރެކުރާ ހުރިހާ ބޭހަކީވެސް ”އެޕްރޫވްޑް ޑްރަގް ލިސްޓް“ ގައި ހިމެނޭ ބޭސްތަކަށް ވާންޖެހޭނެ ކަމަށެވެ.
”ނަމަވެސް މި ފަހަކަށް އައިސް ނަގަންޖެހޭ ހުއްދަތައް ނުނަގައި އެކި ކަންކަމަށް ބޭނުންކުރާ ބޭސް އެތެރެކޮށް، ތަފާތު އޮންލައިން ޕޭޖުތަކުގައި އިޝްތިހާރުކޮށް ވިއްކަމުން ގެންދާކަން މި އޮތޯރިޓީއަށް ވަނީ ފާހަގަކުރެވިފައި.“ އެމްއެފްޑީއޭ އިން ބުނެފައި ވެއެވެ.
ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމަށް ބޭނުންކުރާ ސެމަގްލުޓައިޑް އަކީ ހަށިގަނޑުގެ ބަރުދަން ލުއިކުރާ ބޭހެއް ކަމަށާއި ހަމުގެ މައްސަލަތަކުގައި ބޭނުންކުރާ އަޒެލައިކް އެސިޑަކީ މޫނު ރީތިކޮށް އަލިކުރާ ބޭހެއް ކަމަށް ބުނެ، އޮންލައިން ޕޭޖުތަކުގައި އިޝްތިހާރުކޮށް ވިއްކަމުންދާކަން ފާހަގަކުރެވޭ ކަމަށްވެސް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.
އެމްއެފްޑީއޭ އިން ބުނީ އެފަދަ ބޭސްތަކަކީ ކޮންމެހެން ބޭނުންކުރަންޖެހޭ ހާލަތުގައި އެކަމަށް ހާއްސަ ޑޮކްޓަރު ލިޔެދިނުމުން ނޫނީ ބޭނުންކޮށްގެންނުވާނެ ބޭސްތަކެއް ކަމަށާއި ފާމަސީތަކުން ވެސް އެފަދަ ބޭސްތައް ދޫކުރެވޭނީ ޑރ. ލިޔެދީފައިވާ ބޭސް ސީޓީއަކަށް ކަމަށެވެ.
މީގެ އިތުރުން ޑޮކްޓަރުގެ ލަފަޔާ ނުލައި އެފަދަ ބޭސްތައް ބޭނުންކުރުމުން ހީނުކުރާ ފަދަ ނުރައްކާތެރިކަމެއް ވެސް ދިމާވެދާނެ ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.
އެހެންކަމުން ހުއްދަ ނުނަގައި ބޭސް އިމްޕޯޓްކޮށް ވިއްކާ އަދި އިޝްތިހާރުކުރާ ފަރާތްތަކަށް ބޭހާ ބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުންދާނެ ކަމަށް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.



