ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް އާބާތުރަ ފިލުވައި، ޒީނަތްތެރިކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ ކުރިއަށް އޮތް 1447 ވަނަ އަހަރުގެ ރަމަޟާން މަހަށް މަރުޙަބާ ކިޔުމުގެ ގޮތުން، މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް އާބާތުރަ ފިލުވައި، ޒީނަތްތެރިކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
އެގޮތުން ރޯދައަށް ތައްޔާރުވުމުގެ ގޮތުން މާލެއާއި ހުޅުމާލޭގެ އެކި މިސްކިތްތަކުގައި ތަފާތު މަސައްކަތްތައް ކުރަމުންދާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
އޭގެ ތެރޭގައި ހިމެނޭ މައިގަނޑު ކަންތައްތަކަކީ:
* ހުޅުމާލެ މަސްޖިދުލް ޘާނީ: މިސްކިތުގައި މައިޒާނެއް ތަރައްޤީކުރުން.
* ހުޅުމާލެ މަސްޖިދުލް ޚައްތާބު: ފުރާޅު މަރާމާތުކުރުމާއި އާބާތުރަ ފިލުވުން.
* މާލޭ ތަޤްވާ މިސްކިތް، މާފަންނު އާ މިސްކިތް އަދި އިބްރާހިމީ މިސްކިތް: ގޯތިތެރޭގައި ގަސްއިންދައި ފެހިކުރުމާއި ޒީނަތްތެރިކުރުމުގެ މަސައްކަތް.
* ހުޅުމާލޭ މަސްޖިދުލް މުޙައްމަދު: ތިރީބައިގެ ދޮރުތަކުގައި ޑިޒައިން ސްޓިކާ ހަރުކުރުން.
މިކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، ރަމަޟާން މަހަކީ ގިނަ ބަޔަކު އަޅުކަމުގައި ވަގުތު ހޭދަކުރާ މަހަކަށްވާތީ، މިސްކިތްތަކަކީ ހިތްގައިމު ސާފުތާހިރު ތަންތަނުގެ ގޮތުގައި ބެހެއްޓުމަށް ކައުންސިލުން ޚާއްޞަ ސަމާލުކަމެއް ދޭ ކަމަށެވެ.



