މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާއި ގުޅިގެން އިނގިރޭސިވިލާތުގެ ސަފީރާއެކު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން މަޝްވަރާ ކުރައްވައިފިއެވެ.
ައެ މަޝްވަރާތައް ބާއްވާފައި ވަނީ ޖަނަވަރީ 19 ވީ ހޯމަ ދުވަހު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުން އިނގިރޭސިވިލާތުގެ ސަފީރު ނިކް ލޯ އަދި ބްރިޓިޝް ހައި ކޮމިޝަންގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
އެގޮތުން އެ ބައްދަލުކުރެއްވުމުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތަކާއި ލިބޭ އިއާދަނުކުރެވޭފަދަ ގެއްލުންތަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބަދަލުވުމުގައި މިނިސްޓްރީ ތަމްސީލުކުރެއްވީ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓް ގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު އަބްދުﷲ، އަދި ބްރިޓިޝް ހައި ކޮމިޝަންގެ ފަރާތުން ބައިވެރިވަޑައިގެންނެވީ ބްރިޓިޝް ހައި ކޮމިޝަނަރ ހިސް އެކްސަލެންސީ ނިކް ލޯ، ހެޑް އޮފް މޯލްޑިވްސް އެންޑް އިންޑިޔަން އޯޝަން ޓީމް އެޝްލީ ރޯޖާރސް އަދި ޕޮލިޓިކަލް އެންޑް ކޮމިއުނިކޭޝަންސް އޮފިސަރ ސައިނާ ސައީދެވެ.
މި ބައްދަލުވުމުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވާރޭވެހި ފެންބޮޑުވުމާއި، ކަނޑު ގަދަވުން ފަދަ ކުއްލި ހާލަތްތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި މުރަކަ ހުދުވުން ފަދަ ދުރު ރާސްތާއަކަށް ނިސްބަތްވާ ގެއްލުންތައް މިނިސްޓްރީން ފާހަގަކުރައްވާ، މިފަދަ ގެއްލުންތަކުން އަރައިގަތުމަށް އިނގިރޭސިވިލާތުން ފޯރުކޮށްދެވިދާނެ ފަންނީ އަދި މާލީ އެހީއާ ގުޅޭގޮތުން ދެފަރާތުން މަޝްވަރާކުރައްވާފައިވެއެވެ.
މިގޮތުން، ބައިނަލްއަޤުވާމީ ކްލައިމެޓް ފަންޑުތަކުން މާލީ އެހީ ހޯދުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސްކަތްތައް ހިއްސާކޮށް، ދިވެހިރާއްޖެއިން އިސްކަންދޭ ދާއިރާތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށާއި މި ބަދަލުތަކަށް ހޭނުމަށް ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރެއްގައި މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްޓްރީން ފާހަގަކޮށް، ބައިނަލްއަގުވާމީ މައިދާނުގައި އިނގިރޭސިވިލާތުން ކުރުމުންދާ މަސައްކަތް ފަސްޖެހުމެއްނެތި ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރިއެވެ.
އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ އިތުރު ފުރުސަތުތައް ހޯދުމާގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.



