ފެނަކައާ ހަވާލުކޮށްގެން ކުރިއަށްގެންދާ ’ކޫލް ސްކޫލް‘ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢަކީ ދަރިވަރުން ކުލާހުގައި ކިޔަވަން ތިބޭ ވަގުތުތަކުގައި އިހުސާސްކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އެކަމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުން ތަޙައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ފެނަކައިން މިއަދު ބުނީ ރާއްޖޭގެ ހުރިހާ ސްކޫލަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށް ދަނީ ގްރޭޓަރ މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް ކަމަށް ފެނަކައިން ބުނެފައި ވެއެވެ.
އެގޮތުން، ގްރޭޓަރ މާލޭ ސަރަހައްދުގައި ހިމެނޭ ސްކޫލުތަކުގެ ތެރެއިން މިހާތަނަށް 75 އިންސައްތަ ސްކޫލެއްގައި އިންޑޯ އޭސީ ޔުނިޓް ވަނީ އިންސްޓޯލުކޮށްފައި ކަމަށް ފެނަކައިން ބުނެފައި ވެއެވެ.
ފެނަކަައިން ބުނީ އެ ކުންފުނީގެ އަމާޒަކީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން، ގްރޭޓަރ މާލޭ ސަރަހައްދުގައިވާ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރުމުގެ ޢަމަލީ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށެވެ.
ފެނަކައިން ބުނީ މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ވަރަކަށް އެކަމުގެ މަޢުލޫމާތު ޙިއްސާކުރަމުން ގެންދާނެ ކަމަށެވެ.


