ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ޓެރަރިސްޓް ހަމަލާ ދިނުމުގައި ބައިވެރިވި ފަރާތްތަކަށް ހައްގު އަދަބު ކަނޑައަޅައިދިނުމަށް ޑިމޮކްރެޓްސްއިން ގޮވާލައިފި އެވެ.
ޑިމޮކްރެޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަދަކީ ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުން ފުރަތަމަ ފަހަރަށް އިންތިހާބުކުރެވުނު ރައީސް، ރައީސް މުޙައްމަދު ނަޝީދު، އަވަހާރަކޮށްލުމަށް ބޮމުގެ ޓެރަރިސްޓް ހަމަލާއެއް ދިން ހާދިސާއަށް 3 އަހަރު ފުރޭ ދުވަސްކަމަށާއި، އެ މައްސަލާގައި މިއަދާ ހަމައަށް އެމަނިކުފާނަށް އިންސާފު ލިބިވަޑައިގެންފައި ނުވާތީ އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާކަމަށެވެ.
ރައީސް މުޙައްމަދު ނަޝީދަށް އެ ބޮމުގެ ޓެރަރިސްޓް ހަމަލާދިނުމުގައި އެގޮތަށް ކަންހިނގާފައިވާއިރު، އެ ހަމަލާގެ މައްސަލާގައި އިއުތިރާފުވި ފަރާތްފިޔަވައި، އެހެން މީހުންގެ ޝަރީޢަތްތައް ހިނގުން ލަސްވެ، ހައްޔަރުގައިވާ ބައެއް މީހުން ހައްޔަރުން ދޫވެ، ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވެ، އަދި އެ ހަމަލާގެ އަޑީގައިވާ އެއްވެސް ފަރާތެއް މިއަދާ ހަމައަށްވެސް ނުހޯދި، އިންސާފު ގާއިމުނުވެ އަހަރުތައް ފާއިތުވެ ދިއުމަކީ މި ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެއްކަމަށާއި، އަދި ބޮޑެތި މައްސަލަތައް ކުދި ކަންކަމުގެ ގޮތުގައި ދެކި، އެމައްސަލަތަކުގެ ސީރިއަސްކަން ކަނޑުވާލައި ”ނޯމަލައިޒް“ ކުރުމުގެ އަމަލެއްކަމުގައި ދަ ޑިމޮކްރެޓްސް އިން ދެކޭކަމަށް ބުނެފައި ވެއެވެ.
”ރައީސް މުޙައްމަދު ނަޝީދަށް ދިން ބޮމުގެ ޓެރަރިސްޓް ހަމަލާގެ މައްސަލަ، އޭގެ އެންމެ ފުންމިނަށް ބަލައި، އެކަމުގައި ބައިވެރިވާ ފަރާތްތަކަށް ހައްގު އަދަބު ކަނޑައަޅައި، އެމަނިކުފާނަށް އިންސާފު ގާއިމުކުރުން އަވަސްކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ދަ ޑިމޮކްރެޓްސް އިން ގޮވާލަން.“ ޑިމޮކްރެޓްސްގެ ބަޔާނުގައި ވެއެވެ.
ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ޓެރަރިސްޓް ހަމަލާއެއް ދީފައިވަނީ 2021 ވަނަ އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭގެ އިރާކޮޅު ވަގުތެއްގައި އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅާ ދިމާލަށް ވަޑައިގެންނެވި ވަގުތުއެވެ. އެހަމަލާގައި ލިބުނު ޒަޚަމްތަކަށް އޭޑީކޭ ހޮސްޕިޓަލުންނާއި ޖަރުމަންގެ ހޮސްޕިޓަލަކުން ވަނީ ފަރުވާ ހޯއްދަވާފަ އެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އަށް މީހެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އޭގެ ތެރެއިން، މި ހަމަލާގައި ބޮން ގޮއްވާލި ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށް ކުށް ސާބިތުވެ، 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވެއެވެ. ބާކީ ތިބި ހަތް މީހުންގެ ޝަރީއަތް އަދިވެސް ނުނިމެ އެވެ.



