ޗާގޮސް އައިލެންޑްސް ނުވަތަ ”ފޯޅަވަހި“ ގެ ނަމުން މަޝްހޫރުވެފައިވާ ރަށްތަކުގެ މިލްކުވެރިކަން އެންމެ ހައްގުކަންބޮޑީ ރާއްޖެއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އިނގިރޭސިވިލާތުގެ ”އެކްސްޕްރެސް ކޯ ޔޫކޭ“އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
ޖިއޮގްރަފީ ގޮތުންނާއި، ތާރީޚީ އަދި ގާނޫނީ ގޮތުން ބެލިޔަސް، އެ ރަށްތަކުގެ މައްޗަށް މޮރިޝަސްއަށްވުރެ ބޮޑު ހައްގެއް އޮތީ ރާއްޖެއަށެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޗާގޯސް ރާއްޖެއަށް ލިބެން ޖެހޭ ކަމަށާއި އެކަމުގައި ހުރި ކަންބޮޑުވުންތައް އިނގިރޭސި ސަރުކާރާ ހިއްސާކުރައްވާފައިވާނެ ކަމަށާއި އެކަމުގެ ތަފުސީލުތައް ހާމަކުރެވެން ނެތްކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖެއާއި ޗާގޯސްގެ ރަށްތަކާ ތާރީޚީ ގުޅުމެއް އެބަހުރި ކަމަށާއި ދިވެހީން ކިޔާ ގޮތުން ނަމަ ފޯޅަވަހި އެއީ، ރާއްޖޭގެ ދެކުނުގައި އޮންނަ ތަނެއް ކަމަށާއި މި ކަމާ ބެހޭ ލިޔެކިޔުންތަކެއް ފެންނަން ހުރުމުން ރާއްޖޭން ގަބޫލުކުރަނީ އެހެން އެއްވެސް ގައުމަކަށް ވުރެ ޗާގޯސް ހައްގުވަނީ ރާއްޖެއަށް ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، މި މައްސަލައިގައި ޚިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރުގަދަ ކަމަށާއި ރާއްޖެއަކީ އިނގިރޭސިވިލާތުގެ ރައްޔިތުންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލްކަމަށެވެ.


