އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ރަސްމީ މަތިންދާބޯޓު އެއާ ފޯސް ވަންގައި ސްވިޓްޒަލެންޑުގެ ޑާވޯސްއަށް ދަތުރުކުރައްވަމުން ދަނިކޮށް ބޯޓަށް ކުއްލި މައްސަލައެއް ދިމާވެ، އެނބުރި އެއާ ބޭސްއަށް ޖައްސައިފިއެވެ.
ޓްރަމްޕް ދަތުރުކުރައްވަމުން ދިޔަ މަތިންދާބޯޓަށް ކުއްލި މައްސަލައެއް ދިމާވެފައި ވަނީ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ޓްރަމްޕު ދަތުރުކުރައްވަނިކޮށެވެ.
ޓްރަމްޕްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ވިދާޅުވީ އެއީ އެ މަތިންދާބޯޓަށް ކުއްލި މައްސަލައެއް ދިމާވެ އެނބުރި އެއާބޭސްއަށް ޖައްސަންޖެހުނީ އާދައިގެ އިލެކްޓްރިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ.
އަދި މިކަމުގެ ސަބަބުން ދަތުރުފުޅު ފަސްނުކޮށް ބެކަޕް ބޯޓެއްގައި ދަތުރު ކުރިއަށް ގެންދާނެ ކަމަށްވެސް ކެރޮލީން ވިދާޅުވިއެވެ.
އެއާ ފޯސް ވަން އަށް މައްސަލަ ދިމާވެފައި ވާއިރު، މިހާރު އެއާ ފޯސް ވަންގައި ބޭނުންކުރާ ބޮއިން 747-200ބީ މަރުކާގެ ޖެޓްތަކާ މެދު ހިތްހަމަނުޖޭކަން ޓްރަމްޕު މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ.




