ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން މިހާތަނަށް 877 ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ބޯހިޔާވަހިކަން އެންމެނަށް“ މި ސިޔާސަތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
އެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގައި އަވަހަށް އެޕްލައިކުރުމަކީ މުހިންމުކަމެއް ނޫންކަމަށާއި އޭގެ ބަދަލުގައި ހުރިހާ ލިޔެކިޔުންތަކާއެކު، ރަނގަޅަށް ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް އިސްކަންދިނުން މުހިންމު ކަމަށެވެ.
“ އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސްކުރަން ޝަރުޠު ހަމަނުވާ ފަރާތްތަކުން ނުބައި މަޢުލޫމާތުދީގެން ފޯމު ފުރުމަކީ ހަގީގަތުގަ ދައުލަތުގެ ރިސޯސަސް ވޭސްޓްކުރަން ކުރާކަމެކޭ. އެކަން ނުކުރައްވާށޭ.“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، ބޯހިޔާވަހިކަން އެންމެނަށް، ސިޔާސަތުގެ ދަށުން މިހާތަނަށް ޖުމްލަ 877 އެޕްލިކޭޝަން ފޯމު ސަބްމިޓުކޮށްފައި ވާކަމަށާއި އޭގެތެރޭގައި ގޯއްޗަށް އެދި 221 ފަރާތަކުން ހުށަހަޅާފައިވާއިރު ފްލެޓަށް އެދި 416 ފަރާތަކުން ހުށަހަޅާފައިވާކަމަށެވެ.
އަދި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޑްރާފްޓު ސްޓޭޖުގައި 5599 ފަރާތެއްގެ ފޯމް އޮތްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ހުށަހަޅާފައިވާ ފޯމުތަކުގެ ސައްހަކަން ދެނެގަތުމުގެ މަސައްކަތް އަންނަ ހަފްތާގައި މިނިސްޓްރީން ފަށާނެ ކަމަށެވެ.




