ފަލަސްތީނު ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދ. ގެ އެޖެންސީ (އަންރުވާ)ގެ އިމާރާތްތަކެއް އިސްރާއީލުން ސުންނާފަތިކޮށްލި ކޮށްލުން، ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މިފަދަ އަމަލުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، އދ.އާއި އިންސާނީ އެހީ ފޯރުކޮށްދޭ އިދާރާތަކުގެ މަސައްކަތްތަކަށް ހުރަސްއެޅޭ ފަދަ އަމަލުތައް ކަަމަށެވެ.
”މީގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ތަޙައްމަލު ކުރަމުންދާ ނިކަމެތި އިންސާނީ ހާލަތު އިތުރަށް ގޯސްވެގެންދާނެ. އަދި މިއީ ބައިނަލްއަޤުވާމީ އަދުލުގެ ކޯޓު (އައިސީޖޭ)އިން ނެރެފައިވާ އަމުރުތަކާވެސް ކަނޑައެޅިގެން ޚިލާފު އަމަލެއް.“ މިނިސްޓްރީން ބުނެފައި ވެއެވެ.
ހަމައެހެންމެ އެ ބަޔާނުގައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ އެހީތެރިކަމާއި، ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އަންރުވާ އިން އަދާކުރާ މުހިންމު ދައުރަށް ދިވެހި ސަރުކާރުން ދޭ ތާޢީދު ފާހަގަކޮށްފައެވެ.
”ބައިނަލްއަޤުވާމީ ޤާނޫނުތަކާ އިސްރާއީލުން ތަކުރާރުކޮށް ޚިލާފުވަމުންދާ ދިއުން ހުއްޓުވާ އެ ޤައުމު ޒިންމާދާރު ކުރުވުމަށްޓަކައި އަމަލީ ގޮތުން ފިޔަވަޅުތައް އެޅުމަށާއި، ބައިނަލްއަޤުވާމީ މުޖުތަމައުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ދިވެހިރާއްޖެއިން ތަކުރާރުކޮށް ގޮވާލަން.“ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.




