ފިޓުޖެހިގެން މިއަދު ނިޔާވި އެމްޕީއެލް މުވައްޒަފުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްޕީއެލްގެ ޒުވާން މުވައްޒަފަކު ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވި ހިތާމަވެރި ޙާދިސާއާ ގުޅިގެން، މަރްޙޫމްގެ ޢާއިލާއަށާއި އެމްޕީއެލްގެ މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވާފައެވެ.
އެމްޕީއެލްއިން މިއަދު ހެނދުނު ބުނީ، މާލެ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި މިއަދު ހެނދުނު ޑިއުޓީގައި މަސައްކަތްކުރަމުންދިޔަ އެ ކުންފުނީގެ މުވައްޒަފެއް ކަމަށްވާ އަމީން އަބްދުލް ހަމީދަށް ފިޓު ޖެހި، އިތުރު ފަރުވާއަށް އައިޖީއެމްއެޗް އަށް ގެންދިޔަ ފަހުން ނިޔާވެފައިވާ ކަމަށެވެ.
އެމްޕީއެލްއިން ބުނީ، އެ ހާދިސާ ހިނގުމާއެކު އެ ކުންފުނީގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ އެމަޖެންސީ ރެސްޕޮންސް ޓީމުން ވަނީ ވަގުތުން އެ ސަރަހައްދަށް އެޓެންޑްވެ، އެމްބިއުލަންސްގައި އަމީން އައިޖީއެމްއެޗް އަށް ގެންގޮސްފައި ކަމަށެވެ.
އަދި އަމީން ނިޔާވީ އައިޖީއެމްއެއެޗްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް އެމްޕީއެލް އިން ބުނެފައި ވެއެވެ.
2020 ވަނައަހަރު އެމްޕީއެލްއާ ގުޅުނު އަމީން (30އ) މަސައްކަތްކުރަމުންދިޔައީ އެމްޕީއެލްގެ ފްލީޓް ސަަރިވަސް ޑިޕާޓްމަންޓްގެ މެރިން ކްރާފްޓް ސެކްޝަންގެ ސީނިއާ ޑެކް ހޭންޑެއްގެ މަގާމުގައެވެ.



