އަންނަ ރަމަޟާން މަހު ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ހަމަ އަގުގައި ވިއްކާނެ ވަގުތީ މާރުކޭޓެއް ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީން ގާއިމު ކުރުމުގެ ތައްޔާރީތައް ފަށައިފިއެވެ.
މި މާރުކޭޓް ތައްޔާރު ކުރަނީ ކަމާއި ގުޅުންހުރި އިދާރާތަކުގެ އެހީތެރިކަމާއި، އެއްބާރުލުމާއި އެކުގައެވެ.
ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީން ރަށްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަކީ އަތޮޅުތަކުން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ގިނަ އަދަދަކަށް މާލެ ގެނެވޭ މަހެއް ކަމަށެވެ. މިގޮތުން ދަނޑުވެރިން އުފައްދާ ތަކެތި މާލެ ގެނެސް ވިއްކުމަށް ލުއިފަސޭހަ ގޮތެއް ހޯދައިދިނުމުގެ މަޤްސަދުގައި އެ މިނިސްޓްރީއާއި ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އެހެންކަމުން ރަމަޟާން މަހަށް ޚާއްސަކޮށްގެން ދަނޑުވެރިން އުފައްދާފައިވާ ތަކެތި ވިއްކުމަށްޓަކައި ވަގުތީ މާރުކޭޓެއް މާލެ ސަރަޙައްދުގައި ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި މި މާރުކޭޓަކީ ރޯދަ މަހަށް އުފައްދާފައިވާ ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކުމަށްޓަކައި މާލެ އަންނަ ދަތުރުވެރިންނަށް އަމާޒު ކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މާރުކޭޓެއް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އެހެންކަމުން އަތޮޅުތަކުގެ ދަނޑުވެރި ރަށްރަށުން ދަނޑުވެރި އުފެއްދުންތައް އެ މާރުކޭޓުގައި ވިއްކުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިގޮތުން އެ މާރުކޭޓުގައި ތަކެތި ވިއްކުމަށް ޝައުޤުވެރިކަން ހުރި ރަށްރަށުގެ ކައުންސިލްތަކުން އެރަށެއްގެ ދަނޑުވެރިންނާ ގުޅިގެން އެ މިނިސްޓްރީއަށް ފޯމު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ފޯމު ފުރިހަމަކުރާއިރު، ވޭތުވެދިޔަ ރަމަޟާންމަހު (2025) އެ ރަށަކުން ބޭރުކުރެވުނު މައިގަނޑު ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަންދާސީ މިންވަރާއި 2026 ވަނަ އަހަރު ހަދާ މާރުކޭޓުގައި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކުގެ އަދަދު އިނގޭނޭ ގޮތަށް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
މިނިސްޓްރީން ބުނީ މިކަމަށް ޝައުޤުވެރިކަން ހުރި ކައުންސިލްތަކުން ފޯމު ހުށަހަޅާނީ 29 ޖެނުއަރީ 2026 ގެ އޮފީސް ބަންދުވުމުގެ ކުރިން ކަމަށެވެ.
އަދި އެކަމާއި ގުޅޭ އިތުރުމަޢުލޫމާތު ހޯދުމަށް އެ މިނިސްޓްރީގެ ނަންބަރ 3309390 / 3309394 އަށް ރަސްމީ ގަޑީގައި ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.



