މާލެ ސަރަހައްދުގެ ޖާގަ ބޮޑު މިސްކިތްތައް އޭސީ ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.
ސްޓެލްކޯ އިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާއި އެއްގޮތަށް، 800 މީހުންނަށްވުރެ އިތުރު ޖާގައިގެ ހުރިހާ މިސްކިތެއް އެއާކޮންޑިޝަން ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި ގުޅިގެން ގްރޭޓަރ މާލޭގެ މިސްކިތްތައް އެއާކޮންޑިޝަން ކުރުމަށް އެ ކުންފުނިން މަސައްކަތް ފަށާފައިވާ ކަމަށެވެ.
އަދި އެ މަސައްކަތްތައް ކުރިއަށްދާގޮތް އެ ކުންފުނި ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރާއި ކުންފުނީގެ އިސްވެރިން މިއަދު ބައްލަވާލައްވާފައިވާ ކަމަށް ސްޓެލްކޯ އިން ހާމަކޮށްފައި ވެއެވެ.
މީގެ އިތުރުން ސްޓެލްކޯ އިން ބުނީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރާއި ކުންފުނީގެ އިސްވެރިން މިއަދު ވަނީ ހުޅުމާލެއަށް ވަޑައިގެން، މި އަހަރުގެ ހޫނު މޫސުމަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސަރަޙައްދުގައި ކަރަންޓުގެ ކެޕޭސިޓި އިތުރުކުރުމަށް ކުރިއަށްގެންދާ ޕީކް ހޭންޑްލިންގއަށް ތައްޔާރުވުމުގެ މަސައްކަތްތައް ބައްލަވާލައްވާފައި ކަމަށެވެ.
ޕިކް ހެންޑްލިންގއަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސަރަޙައްދުގައި 2MVA ގެ 15 ޖެންސެޓު ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސްޓެލްކޯ އިން ބުނެފައި ވެއެވެ.


