ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެމެރިކާ ރަސްމީކޮށް ވަކިވާން ނިންމައިފިއެވެ.
އެމެރިކާއިން ޑަބްލިޔުއެޗްއޯ އިން ވަކިވާން ނިންމާފައިވަނީ 2025 ވަނަ އަހަރު ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހު ސޮއިކުރި ގަރާރެއްގެ ދަށުންނެވެ.
ނަމަވެސް، ފާއިތުވި ދެ އަހަރު އެމެރިކާ އިން އެ ޖަމިއްޔާއަށް ދައްކަން ޖެހޭ ފައިސާ ނުދައްކާތީ ޑަބްލިއުއެޗްއޯގެ އޮފިޝަލުން އެކަން ގަބޫލު ނުކުރާނެ އެވެ. ރިޕޯޓުތައް ބުނާގޮތުން މިހާތަނަށް އެމެރިކާއިން އެ ޖަމިއްޔާއަށް ދައްކަންޖެހޭ 260 މިލިއަން ޑޮލަރު ދައްކާފައެއް ނުވެއެވެ.
ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް މިއީ ދުނިޔޭގެ އާންމު ސިއްހަތުގެ އާ ބާބެއްގެ ފެށުމެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ ކޮވިޑް-19 އާ ދެކޮޅަށް ޑަބްލިއުއެޗްއޯއިން އަމަލުކޮށްފައިވާ ގޮތް ”ފެއިލް“ ވެފައިވާ ކަމަށާއި މެމްބަރު ގައުމުތަކުގެ ސިޔާސީ ނުފޫޒުން ސަލާމަތް ނުވެވޭ ކަމަށް ބުނެފަ އެވެ.
އެމެރިކާއަކީ ޑަބްލިއުއެޗްއޯއަށް އެންމެ ބޮޑު މާލީ އެހީތެރިކަމެއް ފޯރުކޮށްދޭ ގައުމެވެ. އެހެންކަމުން އެ ޖަމިއްޔާއިން އެމެރިކާ ވަކިވުމުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވާ ސިއްހީ ނުރައްކާތައް ދެނެގަތުމަށާއި އެކަންކަމުން ރައްކާތެރިވުމަށް ކުރާ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.



