ޣައްޒާ ހިންގުމަށް އުފައްދާ ”ބޯޑް އޮފް ޕީސް“ ގައި ބައިވެރިވުމަށް ދައުވަތުދީފައިވާ ގިނަ އިސްލާމީ ގައުމުތަކަކުން ބައިވެރި ވެއްޖެއެވެ.
ރިޕޯޓުތައް ބުނާގޮތުން އެ ބޯޑުގައި ބައިވެރިވީ އިސްލާމީ ގައުމުތަކަކީ ސައޫދީ އާއި ގަތަރުގެ އިތުރުން ތުރުކީ، މިސްރު، އުރުދުން، އިންޑޮނީޝިއާ، ޕާކިސްތާން، ޔުނައިޓެޑް އަރަބި އެމިރޭޓްސް އަދި ކުވައިތު އެވެ.
ސައުދީ އާއި ކުވައިތުން ނެރުނު ބަޔާނެއްގައި ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
ސައޫދީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާގައި ސުލްހަ ގާއިމުކުރުމަށް ޓްރަމްޕު ކުރައްވާ މަސައްކަތަށް އެ ގައުމުތަކުގެ ތާއީދު އެބަ އޮތް ކަމަށެވެ.
މިއީ އިޒްރޭލުން ދެ އަހަރު ވަންދެން ޣައްޒާއަށް ދިން ހަމަލާތަކަށް ފަހު އެތަން އާރާސްތުކުރުމުގެ ނަމުގައި އެމެރިކާއިން އުފައްދަން ނިންމި ބޯޑެކެވެ.
ޣައްޒާގެ ކަންކަން ބެލެހެއްޓުމަށް އުފައްދާ މި ބޯޑުގައި ބައިވެރިވުމަށް އެމެރިކާއިން ވަނީ ޖުމްލަ 60 ޤައުމަކަށް ދަޢުވަތު ދީފައެވެ. ނަމަވެސް، މަސްރަޙު އޮތް ގޮތުން ގިނަ ޤައުމުތަކަކުން މި ބޯޑާ ގުޅުމަށް ޖެހިލުންވެއެވެ.
މިގޮތުން މިހާތަނަށް މި ބޯޑާ ގުޅިފައިވަނީ ވިއްސަކަށް ޤައުމަކުންނެވެ.


