ޝައުބާން މަހަކީ ގިނަގުނަ ޘަވާބު ލިބޭ މަހެއްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”ޝައުބާން މަހު ކުރެވޭ ހެޔޮ ޢަމަލު“ މި ނަމުގައި މިއަދު ދިން ހުކުރު ހުތުބާގައި ބުނީ އަހަރެމެން ވޭތުކުރަމުން މިދާ ޝަޢުބާން މަހަކީ، މައްސަރުތަކުގެ ތެރެއިން ޚާއްޞަ މަހެއް ކަމަށާއި މިއީ ރަމަޟާން މަހަށް މަރުޙަބާކިޔާން ތައްޔާރުވަމުން އަންނަ މަސް ކަމަށެވެ.
އެހެންކަމުން ހުތުބާގައި ވަނީ މި މަހު، ރޯދައާ ބެހޭ ޙުކުމްތައް އުނގެނި، ރަމަޟާންމަހުގެ ރޯދަހިފުމަށް ތައްޔާރުވުމަށް ގޮވާލާފައެވެ.
”މި މަހު، ތިޔަބައިމީހުން ހެޔޮ ޢަމަލުކުރުން ގިނަކޮށް، އަޅުކަމަށް ފަރުވާބަހައްޓައި ހީވާގިވާށެވެ! މި މަހަކީ ގިނަގުނަ ޘަވާބާއި މަތިވެރި ދަރުމަލިބުމުގެ އިތުރަށް ރަމަޟާންމަހަށް ތައްޔާރުވެ، ރޯދަހިފާން ތަމްރީނުވާ މަސްކަމުގައި ދަންނާށެވެ.“ ހުތުބާގައި ބުނެފައި ވެއެވެ.
”ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! ޝަޢުބާންމަހުގައި ކަލޭގެފާނު (ސުންނަތް) ރޯދަ ހިއްޕަވާ މިންވަރަށް އެހެން މަސްމަހުގައި ކަލޭގެފާނު (ސުންނަތް) ރޯދަހިއްޕަވާތީ ތިމަންކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމެވެ.“ އެ ކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”އެއީ ރަޖަބުމަހާއި ރަމަޟާންމަހާ ދެމެދުގައި އަންނަ، މީސްތަކުން އެ މަހަކާ މެދު ޣާފިލުވެގެންވާ މަހެކެވެ. އެއީ އެ މަހެއްގައި ޢާލަމުތަކުގެ ވެރި ރަސްކަލާނގެ ޙަޟުރަތަށް ޢަމަލުތައް އުފުއްލެވޭ މަހެކެވެ. އެހެންވެ، ތިމަންކަލޭގެފާނު ރޯދަފުޅަށް ހުންނަވަނިކޮށް، ތިމަންކަލޭގެފާނުގެ ޢަމަލުފުޅު މާތް ﷲގެ ޙަޟުރަތަށް އުފުއްލެވުމަށް ތިމަންކަލޭގެފާނުގެ ލޯބިފުޅުކުރައްވަމެވެ.“ ރަސޫލާ ހަދީސް ކުރެއްވި ކަމަށް أُسَامَةُ بْنُ زَيْدٍ رَضِيَ اللهُ عَنْهُمَاގެ އަރިހުން ރިވާވެގެންވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ މާތް ނަބިއްޔާ، ޝަޢުބާން މަހު، ހެޔޮ ޢަމަލުކުރެއްވުން ގިނަކުރެއްވި ކަމަށާއި އޭގެ ތެރޭގައި ސުންނަތް ރޯދަ ހިއްޕެވުމާއި، ސުންނަތް ނަމާދުކުރެއްވުމާއި އެހެނިހެން ހެޔޮ ޢަމަލުތައް ހިމެނޭކަމަށް ހުތުބާގައި ބުނެފައި ވެެއެވެ.
ނަމަވެސް ހެޔޮ ޢަމަލުކުރުމުގައި، ކީރިތި ރަސޫލާ އިރުޝާދުދެއްވައިފައިވާ މިންގަނޑެއްވާ ކަމަށާއި އެއީ މަދުން ނަމަވެސް އެ ކަމުގައި ދެމިހުރުން ކަމަށާއި ބައެއް މީހުން އެ މީހުންނަށް ދާއިމީ ގޮތެއްގައި ކުރާން ދަތިވާ މިންވަރަށް ބައެއް ހެޔޮ ޢަމަލުކުރާން ފަށާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ދުވަސްކޮޅަކުން އެ ކަން ބުރަކަމަކަށްވެ، އެ ޢަމަލުކުރުން ދޫކޮށްލާ ކަމަށާއި އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ރަމަޟާންމަސް އައިސް ކުޑަތަންވުމުން ރޯދައާ ބެހޭ ޙުކުމްތައް އުނގެނި ދަސްކޮށްވޭތުވެ ދިޔަ އަހަރުތަކުގައި ޤަޟާނުކުރެވި ހުރި ފަރުޟު ރޯދަތައް ޤަޟާކުރުމަށް އަވަސްވެގަތުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.
ރަމަޟާންމަހުގެ ރޯދައާއި އަޅުކަމަށް، ވަގުތު ދެވޭ ގޮތަށް، މަސައްކަތާއި ވަގުތު ރާވައިލާ ރޯދަމަހު ޞަދަޤާތްކުރުމަށް މިހާރުން ފެށިގެން ނިޔަތްގަނެ ރޯދަވެރިޔާ ހުތުރު ބަހުން ވާހަކަދެއްކުމާއި، ޒުވާބުކުރުމާ ވެސް ދުރުހެލިވާން ޖެހޭނޭކަން ހުތުބާގައި ވަނީ ހަނދާން ކޮށްދީފައެވެ.
ރަމަޟާންމަހަކީ، ކީރިތި ޤުރުއާނުގެ މަސްކަމަށާއި އެ މަހަކީ ގިނަގިނައިން ކީރިތި ޤުރްއާން ކިޔަވާ މަހަކަށް ހަދައި ހުރިހައި ޢަމަލުތަކެއް ކީރިތި ޤުރްއާނާއި، މާތް ނަބިއްޔާގެ ސުންނަތާ އެއް ގޮތަށް ބައްޓަންކޮށް ދަރުސްތަކަށް ވަގުތު ހުސްކޮށް ދީނުގެ ޙުކުމްތައް އޮޅުންފިލުވުމަށް ހުތުބާގައި ވަނީ ބުނެފައެވެ.



