ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި ޕޮލިޓެކްނިކް ގުޅިގެން ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި، ހުނަރުވެރިކަމުގެ މަސައްކަތްތައް ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އާމިނަތު އިސްމާޢީލެވެ. އަދި ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޒޫޝާން ކަމާލުއްދީނެވެ.
މި އެއްބަސްވުމުގެ ދަށުން، އެއް މުއައްސަސާ އަނެއް މުއައްސަސާއަށް އެހީތެރިކަން ދިނުމުގެ އެކި ކަހަލަ ޕްރޮގްރާމްތައް ހިންގާނެއެވެ.
އެގޮތުން ޕޮލިޓެކްނިކްގެ ފަރާތުން، ކ. ގުރައީދޫގައި ހުންނަ މަރުކަޒުގައި ހުނަރުވެރި މަސައްކަތްތައް ދަސްކޮށްދިނުމުގެ ތަފާތު ޕްރޮގްރާމްތައް ކުރިއަށްގެންދާނެއެވެ.
މިގޮތުން، ކޭކު ކޯސް، ގަސް ހެއްދުމުގެ ޕްރޮގްރާމް، ކަރަންޓު މަސައްކަތްތައް، ފޮޓޯގްރަފީ ފަދަ ދާއިރާތަކުން 3 ހަފްތާގެ ކުރު ތަމްރީން ޕްރޮގްރާމްތައް ހިންގާނެއެވެ. މި ޕްރޮގްރާމްތައް ކުރިއަށް ގެންދާނީ ފަރުވާގެ ޕްރޮގްރާމް ނިންމާފައިވާ މީހުންނާއި އަދި ފަރުވާގެ އެކި ޕްރޮގްރާމްތަކުގައި މިހާރުވެސް އުޅެމުންދާ މީހުންނަށެވެ.



