ސަރުކާރުގެ ފަރާތުން ހުޅުމާލޭގައި ބަހާ ރޯދަ ހަދިޔާ ދޫކުރުމުގެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް އެޗްޑީސީން މަސައްކަތް ފަށައިފިއެވެ.
މިކަންހާމަކޮށްފައި ވަނީ އެޗްޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި އެޗްޑީސީން ބުނީ ރަމަޟާން މަހާއި ދިމާކޮށް ރައްޔިތުންނަށް ރޯދަ ހަދިޔާ ބެހުމަށް ސަރުކާރުން ހަމަޖައްސަވާފައިވާއިރު، އެކަމަށް އެއްބާރުލުންދީ، ހުޅުމާލޭގައި ހަދިޔާ ބެހުމަށް ފަސޭހަވާނޭހެން އިންތިޒާމްތައް ހަމަޖައްސައިދިނުމުގެ މަސައްކަތް އެޗްޑީސީގެ ޓީމުން ކުރަމުން އަންނަ ކަމަށެވެ.
މާލޭ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11 ގެ ނިޔަލަށް ހުކުރުދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އާ ހަމައަށެވެ.
މަސްދަޅު ކޭސް ރަށްރަށުގައި ބަހާނީ ކައުންސިލްތަކާ ގުޅިގެން އެސްޓީއޯ އިސްކޮށް އޮވެއެވެ. އަދި ރަށްރަށުގައި ރޯދަ ހަދިޔާ ބަހާނީ އެ ރަށަކުން މިހާރު ދީފައިވާ ގޭބިސީތަކުގެ ލިސްޓުގައި ހިމެނޭ ގޭބިސީތަކަށެވެ.
ރޯދަ ހަދިޔާގެ ގޮތުގައި މި އަހަރު 118,977 މަސްދަޅު ކޭސް ބަހާނެއެވެ.



