މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ލިސްޓުގައި ހިމެނޭ މީހުންނަށް ފްލެޓުތައް ހަވާލުކުރުމަށް ސަރުކާރަށް އެންގުމަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކުރީ ފްލެޓްތަކާ ގުޅިގެން އާންމު ފަރާތްތަކުން ހުށަހެޅި މައްސަލަ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް، ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން، އެކަން ފާސްކުރުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުންނެވެ.
ކޮމިޓީގެ ރިޕޯޓް ފާސްކުރީ 29 މެންބަރުންގެ ޣައުލަބިއްޔަތުންނެވެ. ފާސްކުރުމަށް ނުފެންނަކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
ކޮމިޓީގެ ރިޕޯޓުގައި، ގެދޮރުވެރިޔާގެ ދަށުން ދޫކުރުމަށް ކަނޑައަޅާފައިވާ ފްލެޓުތައް ހަވާލުކުރުން ލަސްވުމުގެ ސަބަބުން ފްލެޓުތައް ލިބޭ ކަމަށް ކަނަޑައަޅާފައިވާ ފަރާތްތަކުގެ ކަންބޮޑުވުން ހުރިކަން ފާހަގަކޮށްފައި ވެއެވެ. އަދި، ސަރުކާރުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް އެ ފުލެޓު ދިނުމަށް ވައުދުވެފައިވާކަން ފާހަގަކޮށް،ވައުދުވެވަޑައިގެންނެވި ގޮތަށް ލަސްނުކޮށް ފްލެޓުތައް ހަވާލު ކުރުމަށާއި، ހަވާލުކުރަންވާނީ ފްލެޓް ލިސްޓަށް އުނި އިތުރެއް ނުގެނެސް، އެ ލިސްޓާ އެއްގޮތަށް ކަމަށް ލަފާދީފައި ވެއެވެ.
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މީގެކުރިން ވިދާޅުވެފައިވަނީ ފްލެޓް ލިބޭ މީހުންގެ ޝަރުތުތައް ކުރީ ސަރުކާރުން ކަނޑައެޅިނަމަވެސް،ފްލެޓް ލިސްޓް އެކުލަވާލާފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އެހެންކަމުން މި ސަރުކާރުން ފްލެޓުތައް ހަވާލުކުރާނީ ލިސްޓު މުރާޖައާކުރުމަށް ފަހު ކަމަށެވެ. ފްލެޓްތަކުގެ މައްސަލައިގައި ދިމާވާކަންކަން ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ހައުސިން މިނިސްޓްރީން ވަނީ އެކަމަށް ޚާއްސަ ”ހައުސިންގ ކޮމިޓީއެއްވެސް އެލުލަވާލާފަ އެވެ.
މި ސަރުކާރުގެ ސިޔާސަތަކީ އެއްވެސް އެއްވެސް ރައްޔިތަކު ބާކީނުކޮށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމެވެ. އަދި މި ސަރުކާރުގެ ފަސް އަހަރުދުވަހުގެ ތެރޭގައި ހުރިހާ ރައްޔިތުންނަށް ބޯހިވަހިކަމުގެ ހައްގު ކަށަވަރުކޮށްދިނުމެވެ.




