ދިވެހިންނަކީ ކުޅިވަރުގައި އަބަދުވެސް އެއްބައިވަންތަކަން ދައްކަމުންދާ ބައެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ޤައުމީ ޓީމަށް ހިތްވަރުދެއްވާ ޕީ.އެސް.އެމް ނިވްސް އަށް ދެއްވި ބަސްދީގަތުމެއްގައެވެ.
އެ ބަސްދީގަތުމުގައި ޤައުމީ ޓީމުގައި ތިބީ ހުނަރުވެރި ކުޅުންތެރިންކަމަށާއި މިހާރުވެސް ޓީމުން ހޯދަމުންދާ ނަތީޖާތަކަކީ އުއްމީދުކުރެއްވި ނަތީޖާތަކެއްކަން ފާހަގަކުރައްވައި ޓީމާއި މެދު އެ މަނިކުފާނު ފަޚުރުވެރިވެ ވަޑައިގަންނަވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އަދި އެ މުބާރާތަށް ކުޅުންތެރިން ތަމްރީނުކޮށްދެއްވުމަށް ޓީމުގެ ކޯޗު ކޮށްދެއްވި މަސައްކަތްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.
ދިވެހިންނަކީ ކުޅިވަރުގައި އަބަދުވެސް އެއްބައިވަންތަކަން ދައްކަމުންދާ ބައެއްކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ މާދަމާ ރާއްޖޭގެ ޓީމް ކުޅޭ މެޗްގައި ޓީމާއި އެކު ރައްޔިތުން ތިބިކަމުގެ ޝުޢޫރާއި ފޯރި ރާއްޖޭގެ އެކި ކަންކޮޅުތަކުން ދައްކަމުންދާކަމަށާއި މެޗުގެ ކާމިޔާބީއަށް ދިވެހިން ކެތްމަދުވެފައިވާ ކަމަށެވެ.
މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޤައުމީ އަންހެން ޓީމުން ދެއްކި ހިތްވަރުގަދަ ކުޅުމަށް ސާބަސްދެއްވަމުން އެ މަނިކުފާނު ވަނީ ކުރިއަށް އޮތްތަނުގައި ޓީމަށް އިތުރު ފުރުޞަތުތަކެއް ލިބި، ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ތައިލޭންޑްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ދިވެހިރާއްޖެއިން ކުޅުނު ހަތަރު މެޗުންވެސް ވަނީ މޮޅުވެފައެވެ. މާދަމާ ބޫޓާނާ ބައްދަލުކުރާ މެޗުން މޮޅުވެއްޖެނަމަ ރާއްޖެއަށް މި މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުވާނެއެވެ.




