މިދިޔަ އަހަރު ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމާއި، ދަރަނީގެ އިންޓްރެސްޓަށް ދައްކަންޖެހޭ ފައިސާއަށް 9.8 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިހާތަނަށް ދަރަންޏާއި އިންޓްރެސްޓަށް މިހާ ބޮޑު އަދަދެއް ހޭދަކުރި ފުރަތަމަ ފަހަރުކަން ތަފާސްހިސާބުތަކުން ފާހަަގަ ކުރެވެއެވެ.
އެގޮތުން މިދިޔަ އަހަރު ދަރަނި އަނބުރާ ދައްކަން ދައުލަތުގެ ބަޖެޓުން 5.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެއީ، އެ އަހަރަށް ބަޖެޓުކުރި 3.8 ބިލިއަނަށްވުރެވެސް އިތުރު އަދަދެކެވެ. އަދި 2024 ވަނަ އަހަރު ޚަރަދުކުރި 2.3 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު، މިއީ 122 އިންސައްތައިގެ އިތުރުވުމެއްކަން ވެސް ފާހަަގަކުރެވެއެވެ.
މިދިޔަ އަހަރު ލޯނުތަކުގެ އިންޓަރެސްޓަށް ވެސް ބޮޑު އަދަދެއް ދައްކަން ޖެހުނެވެ. އެގޮތުން، އަހަރު ނިމުންއިރު ލޯނުތަކުގެ އިންޓަރެސްޓަަށް 4.7 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއީ އެ އަހަރަށް ބަޖެޓުކުރި 5.5 ބިލިއަން ރުފިޔާއަށްވުރެ ދަށް އަދަދެކެވެ. ނަމަވެސް މިއީ، އޭގެ ކުރީ އަހަރާ ބަލާއިރު 1.4 އިންސައްތައިގެ އިތުރުވުމެކެވެ.
އެހެންވެ، މިދިޔަ އަހަރު ދަރަނި ދެއްކުމާއި އިންޓަރެސްޓަށް ޖުމުލަ 9.8 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ، ރިކޯޑު އަދަދެކެވެ.
މިދިޔަ އަހަރު ސަރުކާރުން ޕީއެސްއައިޕީ މަޝްރޫއުތަކަށް ވެސް ޚަރަދުކުރި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަނީ 8.6 ބިލިއަން ރުފިޔާއެވެ. އެގޮތުން އެކި މަޝްރޫއުތަކަށް އެ އަހަރު 12.4 ބިލިއަން ރުފިޔާ ޚަރަދުކުރަން ސަރުކާރުން ރާވާފައިވެއެވެ.



