ނިމިދިޔަ 2025ވަނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިއޭއިން 8.28 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 7 އިންސައްތައިގެ ކުރިއެރުމެއްކަން ފާހަގަ ކުރެވެއެވެ.
އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިިދިޔަ އަހަރު ވީއައިއޭއިން ޚިދުމަތް ފޯރުކޮށްދިން ފަސިންޖަރުންގެ ތެރެއިން 5.38 މިލިއަން ފަސިންޖަރުންނަކީ ބައިނަލްއަޤުވާމީ ދަތުރުވެރިންނެވެ.
މީގެ އިތުރުން، ޑޮމެސްޓިކް ދަތުރުވެރިންގެ އަދަދު 1.17 މިލިއަނަށް އަރާފައިވާއިރު، ދުނިޔޭގެ އެންމެ ބާރުބޮޑު ސީޕްލޭން ނެޓްވޯކް މެދުވެރިކޮށް 1.73 މިލިއަން ފަސިންޖަރުން މިދިޔަ އަހަރު ދަތުރުކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ.
އެމްއޭސީއެލުން ބުނީ، މި ކުރިއެރުމަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމާއި، ރަށްރަށުގެ މެދުގައި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާވުމުގެ ސަބަބުން ބައިނަލްއަގުވާމީ، ޑޮމެސްޓިކް އަދި ސީޕްލޭން އޮޕަރޭޝަންތަކަށް އައި ކުރިއެރުމެއް ކަަމަށެވެ.



