އިންޑޮނީޝިއާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން، ބިންގަނޑު ކަނޑައިގެން ގޮސްގެން ހިނގި ހާދިސާއެއްގައި މިހާތަނަށް ހަތް މީހުން މަރުވެފައިވާކަމަށް އެ ޤައުމުގެ ކާރިސާތަކާބެހޭ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން ނެރުނު ރިޕޯޓެއްގައި ބުނީ، ވެސްޓް ބަންޑުންގައި އޮންނަ ކުޑަ އަވަށެއްގައި ބިންގަނޑު ކަނޑައިގެން ގޮސްގެން ހިނގި އެ ހާދިސާގައި އިތުރު 82 މީހުން ގެއްލިފައިވާ ކަމަށެވެ.
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.
އިންޑޮނީޝިއާގެ ހުޅަނގުގެ ސަރަޙައްދުތަކަށް މޫސުން ގޯސްވެ، ކުރިއަށް އޮތް ހަފްތާގައި ވެސް ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އިންޑޮނީޝިއާއަކީ ވިއްސާރަ މޫސުމުގައި ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ނުރައްކާ ކުރިންސުރެވެސް ބޮޑު ޤައުމެކެވެ.



