ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ބޫޓާން ބަލިކޮށް ރާއްޖެއިން ޗެމްޕިއަންކަން ހޯދައިފިއެވެ. މިއާއެކު ރާއްޖެއިން މިވަނީ ފުޓްސަލްގެ ތާރީޚުގައި ބައިނަލްއަގުވާމީ ފުރަތަމަ ޓްރޮފީވެސް ހޯދާފައެވެ.
ރާއްޖެއިން މި މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރު ކޮށްފައި މިވަނީ އެއް މެޗު ބާކީ އޮއްވައެވެ. އެއީ އަވަށްޓެރި ޝްރީ ލަންކާއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.
ތައިލޭންޑުގެ ބެންކޮކްގެ ނޮންތަބުރި ސްޓޭޑިއަމްގައި ކުރިއަށްދިޔަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ބޫޓާން ބަލިކޮށް ރާއްޖެ އެ މުބާރާތް ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
ރާއްޖެއިން މި މުބާރާތް ކާމިޔާބު ކޮށްފައިމިވަނީ ސައްތައިން ސައްތަ މޮޅުވުމުގެ ރެކޯޑަކާއެކުގައެވެ. އެގޮތުން ސަރަހައްދުގެ ގަދަބާރު ކަމަށްވާ އިންޑިއާ ވެސް ފަހަތަށް ޖައްސާލުމަށްފަހު ރާއްޖެއިން ވަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް މުބާރާތުގައި މިހާތަނަށް ރާއްޖޭގެ ފިރިހެން ޓީމުގެ ނަތީޖާތައް:
° ރާއްޖެ 7-1 ޕާކިސްތާން
° ރާއްޖެ 6-1 ބަންގްލަދޭޝް
° ރާއްޖެ 5-0 އިންޑިއާ
° ރާއްޖެ 2-1 ނޭޕާލް
° ރާއްޖެ 3-1 ބޫޓާން
ބޫޓާން މެޗާ ކުރިމަތިލިއިރު ރާއްޖެއަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ބޭނުންވީ އެންމެ ދެ ޕޮއިންޓެވެ. މި މެޗު ކާމިޔާބުކުރުމާއެކު ލިބުނު ތިން ޕޮއިންޓާއެކު ރާއްޖެއަށް އެއްވަނަ މަގާމު ލިބޭއިރު، އެހެން ޓީމުތައް ތިބީ ރޭންކިންގައި ރާއްޖެއާ އަރާ ހަމަކުރެވޭ ވަަރަށްވުރެ ފަހަތުގައިކަން ނަތީޖާތަކުން ހާމަވެއެވެ.



