ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ރާއްޖެއިން ކުޅުނު ކޮންމެ މެޗަކުން މޮޅު ހޯދައި، އެއް ވަނަ ހޯދުމަކީ ތާރީހީ ފަހުރެއް ކަމަށް ރަައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެެވެ.
ތައިލޭންޑުގެ ބެންކޮކްގެ ނޮންތަބުރި ސްޓޭޑިއަމްގައި ކުރިއަށްދިޔަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ބޫޓާން ބަލިކޮށް ރާއްޖެ އެ މުބާރާތް ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
ރާއްޖެއިން ހޯދި މި ފަޚުރުވެރި ކާމިޔާބީއާ ގުޅިގެން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ ޤައުމީ ފުޓްސަލް ޓީމުގެ ހުނަރުވެރި ކުޅަދާނަ ކުޅުންތެރީންނަށް އައްސަރިބަހާއި ސާބަސް ވިދާޅުވެ، ޝުކުރު އަދާ ކުރައްވާފައެވެ.
ޤައުމީ ޓީމުގެ ކުޅުންތެރިންނަށް މަރުހަބާ ވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީ، ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަންވަނަތައް އިތުރުވުމަކީ، ޤައުމުގެ މުސްތަޤްބަލަށް އުޖާލާކަމެއް ކަމުގައެވެ.
”ވަކީން ޚާއްސަކޮށް، ކުޅުނު ކޮންމެ މެޗަކުން ވަރަށް ފުރިހަމަ މޮޅަކާއެކު ބައިނަލްއަޤްވާމީ މިފަދަ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ ތާރީޚީ ފަޚުރެއް. މިއީ ޤައުމީ ރޫޙާއި ޢަޒުމުގައި ހިތްވަރުކޮށް ކާމިޔާބު ހޯދުމުގައި ދެވަނައެއް ނެތް ރީތި ނަމޫނާއެއް.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރާއްޖެއިން މި މުބާރާތް ކާމިޔާބު ކޮށްފައިމިވަނީ ސައްތައިން ސައްތަ މޮޅުވުމުގެ ރެކޯޑަކާއެކުގައެވެ. އެގޮތުން ސަރަހައްދުގެ ގަދަބާރު ކަމަށްވާ އިންޑިއާ ވެސް ފަހަތަށް ޖައްސާލުމަށްފަހު ރާއްޖެއިން ވަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް މުބާރާތުގައި މިހާތަނަށް ރާއްޖޭގެ ފިރިހެން ޓީމުގެ ނަތީޖާތައް:
° ރާއްޖެ 7-1 ޕާކިސްތާން
° ރާއްޖެ 6-1 ބަންގްލަދޭޝް
° ރާއްޖެ 5-0 އިންޑިއާ
° ރާއްޖެ 2-1 ނޭޕާލް
° ރާއްޖެ 3-1 ބޫޓާން



