ޗާގޯސް ރަށްތައް މޮރިޝަސްއަށް ދިނުމުގެ ބިލަށް ވޯޓުދިނުން ފަސްކުރުމަށް އިނގިރޭސިވިލާތުން ނިންމުމާއެކު، މިއީ ފޯޅަހި ހޯދުމަށް ލިބޭ ފުރުސަތެއްކަން ހާމަވާ ބީދައިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ.
”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ފޯޅަވަހި ހިމެނޭ ޗާގޯސް ޖަޒީރާތައް މޮރިޝަސްއަށް ދިނުމުގެ ބިލް އިނގިރޭސި މަތިގޭ ކަމަށްވާ ހައުސް އޮފް ލޯޑްސް ގެ ވޯޓަށް ތައްޔާރުވެފައިވަނިކޮށް ބިލަށް ވޯޓު ދިނުން ފަސްކޮށްފައިވާ ކަމަށެވެ.
އެކަމުގެ ސަބަބުން ފޯޅަވަހީގެ ސިޔާދަތީ ބެލެނެވެރިކަން ރާއްޖެއަށް ލިބުމުގެ ފުރުސަތު އަދި ގެއްލިގެން ނުދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، ޗާގޯސް ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ ”އެކްސްޕްރެސް“ ނޫހަށް މިދިޔަ ބުދަ ދުވަހު ދެއްވި ބަސްދީގަތުމެއްގައި ވަނީ ވިދާޅުވެފައެވެ.
ޗާގޯސް މައްސަލައިގައި 2024 ވަނަ އަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހު ރައީސް ވަނީ ޗާގޯސްއަކީ ރާއްޖެއާ ގުޅިފައި އޮތް ތަނަކަށްވާ ކަމަށް ލިޔެކިޔުންތަކުން ފެންނަން ހުރުމުން އެތަން އެހެން ގައުމަކަށް ލިބުމަށް ވުރެ ރާއްޖެއަށް ލިބުން އައުލާކަން ބޮޑު ކަމަށް ވިދާޅުވެފައެވެ.




