ޤައުމާއި ރައްޔިތުންނަށް ބޭނުންވަނީ ތަރައްޤީއަށް އެއްބާރުލުންދޭނެ ރައްޔިތުންގެ މަންދޫބުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވި ޕީއެންސީން އިއްޔެ ހަވީރު ބޭއްވި ކެމްޕޭނު ހަރަކާތެއްގައި ވާހަކަދައްކަވަމުންނެވެ.
އެ ހަރަކާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރަމުންދާއިރު އެކަމަށް ހުރަސްއަޅާ ބަޔަކު އަތުވެއްޖެނަމަ ތަރައްގީ މަޑުޖެހިގެންދާނެ ކަމަށެވެ.
”މި ދޭތެރެ މެދަށް ރައްޔިތުންނާ ސަރުކާރު ދޭތެރެއަށް އިދިކީލަ ވިސްނުންތައް ވައްދަން ފުރުސަތު ނުދެއްވާށޭ.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަށްރަށާއި ސިޓީތަކަށް ބޭނުންވަނީ މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތަށް ހުރަސްނާޅާ އެއްބާރުލުންދޭނެ މޭޔަރުންނާއި ކައުންސިލަރުންކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރާއިރު އެކަމަށް ހުރަސްއަޅާ ބަޔަކު އަތުވެއްޖެނަމަ ސިޔާސީ ގޮތުން ހަމަނުޖެހުން އުފައްދަން އެފަދަ ފަރާތްތަކުން މަސައްކަތް ކުރާނެ ކަމަށެވެ.
ހަމައެހެންމެ ކުރީ ސަރުކާރުން ކަނޑުފަޅުން ދީފައިވާ ގޯތިތައް ބިން ހިއްކުމަށްފަހު ރައްޔިތުންނަށް ދިނުމުގެ މަސައްކަތް ކުރިއަށްގެންދަނީވެސް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަށް ކަމަށާއި އެފަދަ މަޝްރޫއުތައް ކުރިއަށްދާއިރު ބޭނުންވަނީ އިޚްލާސްތެރި ތެދުވެރި އަދި އަމާނާތްތެެރި މޭޔަރުންނާއި ކައުންސިލަރުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.



