ކެންސަރު ބަލި މީހުންނަށްދޭ ޚާއްޞަ ފަރުވާއެއްކަމަށްވާ ކީމޯ ތެރަޕީގެ ޚިދުމަތް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަށައިފިއެވެ.
ހެލްތު މިނިސްޓްރީން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ހިދުމަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ. އަދި މުޖުތަމައަށް ކެންސަރު ބައްޔަށް ފަރުވާ ފޯރުކޮށްދިނުމަށް އެ ފަދަ މުހިންމު ފިޔަވަޅެއް އެޅުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އުނގޫފާރު ހޮސްޕިޓަލަކީ މާލެއިން ބޭރުން ރާއްޖޭގައި ކީމޯ ތެރަޕީގެ ޚިދުމަތް ފެށި 3 ވަނަ ހޮސްޕިޓަލެވެ.
އެ ހޮސްޕިޓަލުގައި ކީމޯގެ ޚިދުމަތް ފެށުމަށް އައިޖީއެމްއެޗުގެ، އޮންކޮލޮޖީ ޑިޕާޓްމަންޓުގެ އެހީތެރިކަމާއެކު އެ ޚިދުމަތް ފެށުމަށް ބޭނުންވާ 2 ނަރުހުން މިހާރު ވަނީ ތަމްރީނުކޮށްފައެވެ. އަދި އެ ޚިދުމަތް ދިނުމަށްޓަކައި ޚާއްޞަ ކީމޯ ރޫމެއް ޤާއިމުކޮށްފައިވާއިރު، އެއްފަހަރާ 2 މީހުންނަށް ކީމޯ ސެޝަންތައް ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސަވާފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރ.އަތޮޅަކީ ރާއްޖޭގައި 4 ވަނައަށް އެންމެ ގިނައިން ކެންސަރު ބަލި މީހުން ރަޖިސްޓަރކޮށްފައިވާ އަތޮޅެވެ.



