އެމްޑަބްލިޔުއެސްސީން ހުޅުމާލޭގައި ޤާއިމްކުރާ 5000 ޓަނުގެ ފެން އުފެއްދޭ ނިޒާމުގެ މަސައްކަތް ނިންމާ އަންނަ މަހު ބޭނުންކުރަން ފެށޭނެކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.
މަތީން މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން މަތީން ވިދާޅުވީ އެ ކުންފުނީގެ މަސައްކަތްތަކުގެ ތެރެއިން އެންމެ އިސްކަމެއްދީގެން ކުރެވޭ މަސައްކަތަކީ ފެނުގެ ޔަގީންކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތް ކަމަށެވެ.
”މިދިޔަ އަހަރުގެ ތެރޭގައި 5000 ޓަނުގެ ޕްރޮޑަކްޝަން ކެޕޭސިޓީ ވަނީ އިތުރުކުރެވިފައި. އިތުރު 5000 ޓަނުގެ ޕްރޮޑަކްޝަން ކެޕޭސިޓީގެ މަސައްކަތް ހުޅުމާލޭގައި ދަނީ ހިނގަމުން. މަހެއްހާ ދުވަސްތެރޭގައި ނިންމާފައި ބޭނުން ކުރަން ފެށޭނެ.“ މަތީން ވިދާޅުވިއެވެ.
އެއާއެކު ޕްރޮޑަކްޝަން ކެޕޭސިޓީއަށް އިތުރުކުރެވިގެންދާ 10000 ޓަނާއެކު ސްކޫލް ހުޅުވުމާއި ރޯދަމަހާއި އެކު ފެނަށް އޮންނަ ޑިމާންޑަށް ކޭޓަރ ކުރެވޭނެ ކަމަށް މަތީން ވިދާޅުވިއެވެ.




