ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 1600 ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
މި ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް އިޢުލާނު ކުރީ، މިދިޔަ ނޮވެންބަރު މަހުގެ 16ވަނަ ދުވަހުއެވެ.
އަދި އެ ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ މި މަހުގެ 18 ވަނަ ދުވަހުއެވެ.
ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 1600 ފޯމު ވަނީ ހުށަހަޅާފައެވެ.
”ޢާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން ދޫކުރާ ބިމާއި ފުލެޓަށް އެދި މިހާތަނަށް 1616 އެޕްލިކޭޝަން ހުށަހަޅާފައިވޭ.“ މިނިސްޓްރީން މިއަދު ބުނެފައި ވެއެވެ.
މިނިސްޓްރީން މިއަދު އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު މީގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 1160 އެޕްލިކޭޝަނާއި ގޯޗަށް އެދި ހުށައެޅި 456 އެޕްލިކޭޝަނެވެ.
މީގެ އިތުރުން މިހާތަނަށް 7605 މީހުން ޑްރާފްޓް ސްޓޭޖުގައި ފޯމު ފުރިހަމަ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އަންނަ އެޕްރީލް މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް އެ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ސަރުކާރުން ވަނީ ހުޅުވާލާފައެވެ.
ސަރުކާރުން މާލެ ސަރަހައްދުންނާއި ރަސްމާލެ އިން ދޫކުރަން ހަމަޖެހިފައިވަނީ ޖުމްލަ 7،900 ފްލެޓާއި 1،250 އަކަފޫޓުގެ 15,000 ގޯއްޗެވެ. ފްލެޓުތައް ދިނުމުގައި 15 ކެޓަގަރީއެއް ކަނޑައަޅާފައިވާއިރު، މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓު އަދި މާލޭގައި ރަށްވެހިފައިނުވާ ނަމަވެސް މާލޭގައި ދިރިއުޅޭ ފަރާތްތަކަށް 1،500 ފްލެޓު ހާއްސަކޮށްފައިވެއެވެ.
މާލޭގެ ރަށްވެހިންނަށް ހާއްސަ ކުރި 4،000 ފްލެޓުގެ ތެރެއިން 2،200 ފްލެޓު މާލޭ ގެއެއްގެ ރަޖިސްޓަރީގައި ތިބި ފަރާތްތަކަށް، 300 ފްލެޓު ވިލިމާލޭގެ ރަޖިސްޓަރީގައި ތިބި ފަރާތްތަކަށް، 1،000 ފްލެޓު ދަފްތަރުގައި ތިބި ފަރާތްތަކަށް އަދި 500 ފްލެޓު ފަހުން މާލޭ ގެއެއްގެ ރަޖިސްޓަރީގައި ރަޖިސްޓަރީވި ފަރާތްތަކަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.



