ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ފުވައްމުލައް ސިޓީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ފުވައްމުލައް ސިޓީން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.
އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ މި ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ އޮޕަރޭޝަން އަލިމަގުގެ ތެރެއިން ހިންގި މި އޮޕަރޭޝަނުގައި އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.
އަދި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 112.9 ގުރާމު ކަމަށާއި 25000 އަށް ވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޏ. ފުވައްމުލައް / މިސްކިތްމަގު. ރޯޝަން، ޢަބްދުﷲ ޝިފާޢު (26އ) 15 ދުވަހަށް ބަންދުުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އަނެއް މީހާ ކޯޓުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




