ކެބިނެޓްގައި ނިންމާ ނިންމުންތައް އާންމުކުރާނެ ވެބްސައިޓެއް ތައްޔާރު ކުރަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ވަނީ ސަރުކާރުގެ ވަޒީރުން މި މަހު ކުރައްވަން ހުރި ދަތުރުފުޅުތަކާ ބެހޭ މަޢުލޫމާތު ނޫސްވެރިންނާއި ޙިއްޞާކުރައްވާފަ އެވެ. އަދި އެ ދަތުރުތަކުގެ މަންޒިލްތައްވެސް ޙިއްޞާކުރައްވައި، މި ދަތުރުތަކާ ގުޅޭ އިތުރުމަޢުލޫމާތުތައް އެ މިނިސްޓްރީތަކުން ލިބިވަޑައިގަންނަވާނެކަމަށް ހީނާ ވަލީދު ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުން ރައްޔިތުންނަށް ފަސޭހަކަމާއެކު އަދި ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ފޯރުކޮށްދެއްވުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވައިލެއްވެވި އެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް ފެންނާނެ ވެބްސައިޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، ސަރުކާރުގެ ހުރިހާ އޮފީސްތަކުންނާއި ކުންފުނިތަކުން ހިންގާ ހުރިހާކަމެއް، ފޮޓޯ އަދި ވީޑިއޯވެސް ހިމެނޭހެން ހުރިހާ މަޢުލޫމާތުތައް އެއްތަނަކުން ފެންނާނެ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތް ކުރައްވާކަމުގަ އެވެ. އަދި މި އިންތިޒާމުތައް އެކުލެވިގެން ތައްޔާރުކުރައްވާ ވެބްސައިޓް މި މަސް ނިމޭހާތާނގައި ރައްޔިތުންނަށް ފެންނާނެވަރުކުރުމަށް މަސައްކަތް ކުރައްވާކަމުގައި ހީނާ ވަލީދު ވިދާޅުވި އެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ސުވާލާ ޖަވާބު ޕްރޮގްރާމް މިހާތަނަށް ގެނެސްދެއްވަމުން އައި ގޮތުގެ މައްޗަށް ބައްލަވާލައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ވިދާޅުވީ މި ޕްރޮގުރާމުގައި ބައިވެރިވުމަށް ގިނަ ރައްޔިތުންނަށް ފުރުޞަތު ފަހިކުރުމަށާއި، ރައްޔިތުންނަށް ހަމަހަމަ ފުރުޞަތުތަކެއް ފޯރުކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ކުރައްވަން ބޭނުންފުޅުވާ ސުވާލުތައް ވީޑިއޯ މެދުވެރިކޮށް ކޮންމެ ބޭފުޅަކަށްވެސް ފޮނުވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ.


