ޤައުމީ ފުޓްސަލް ޓީމުން ހޯދި ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް މާލޭގައި ހަވާއަރުވަން ނިންމައިފިއެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނީ ޤައުމީ ފުޓްސަލް ޓީމަށް މަރުހަބާ ކިއުމުގެ ގޮތުން ޚާއްސަ ހަރަކާތްތަކަކާއެކު މާދަމާރޭ އާޓިފިޝަލް ބީޗުގައި ހަވާއަރުވަން ނިންމާފައިވާ ކަމަށެވެ.
ސްޕޯޓްސް މިނިސްޓްރީއާއި ފުޓުބޯޅަ އެސޯސިއޭޝަން ގުޅިގެން ޓީމަށް މަރުހަބާ ކިއުމަށް ހަމަޖެހިފައިވާއިރު ވީހާވެސް ގިނަ ރައްޔިތުން މި ހަރަކާތްތަކުގައި ބައިވެރިވުމަކީ ސަރުކާރުގެ އެދުމެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ވީއައިޕީން ކުޅުންތެރިންނަށް މަރުހަބާ ކިޔުމަށްފަހު ކުޅުންތެރިން މާލެ އައިސް އަމީނީ މަގާއި މަޖީދީމަގުން ތައްޓާއެކު ޕިކަޕުގައި ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އާޓިފިޝަލް ބީޗުގައި ޓީމަށް މަރުޙަބާ ކިއުމުގެ ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދަން ހަމަޖެހިފައިވާއިރު އެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް މާދަމާރޭ 10:00 ގައި އާޓިފިޝަލް ބީޗުގައި ހަވާ އަރުވާނެއެވެ.
މީގެ އިތުރުން ޤައުމީ ފުޓްސަލް ޓީމުގެ އެ ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ ޓީމުގެ ކުޅުންތެރިންނަށް އެއް މިލިއަން ރުފިޔާ ދޭން ނިންމަވާފައެވެ.


