ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސް ޓަވަރު 6 ގައި ތަރައްޤީކުރާ ޖީޕީ ކްލިނިކުގެ ޚިދުމަތް އަންނަ މާޗްމަހު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފިއެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ ޖީޕީ ކްލިނިކްގެ ޚިދުމަތް ދިނުމަށްޓަކައި ސެޓަޕް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަންނަ މާޗު މަހުގެ ތެރޭގައި ހިދުމަތްތައް ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އަމާން އުދަރެހުގެ 6ވަނަ ޓަވަރުގައި ޖީޕީ ކްލިނިކް ގާއިމްކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އަމާން އުދަރެސްގެ 6ވަނަ ޓަވަރުން 6788.43 އަކަފޫޓުގެ ޖާގައިގެ ޔުނިޓެއް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއަށް ވަނީ ދޫކޮށްފައެވެ.
މާލޭގައި 4 ޖީޕީ ކްލިނިކް، އަދި ހުޅުމާލެގައި އިތުރު ދެ ޖީޕީ ކްލިނިކް ސަރުކާރުން ގާއިމް ކުުރާނެއެވެ.
އެ ކްލިނިކްތަކުން ފެމިލީ މެޑިސިން ޕްރެކްޓިޝަނާއަށް ދެއްކުމުގެ ޚިދުމަތާއި، އާންމު ބަލިތަކަށް ފަރުވާ ދިނުން، ޖީޕީ ޑޮކްޓަރުން ލަފާ ދޭ ޓެސްޓުތައް ހެދުން، ބޭސް ސިޓީ އައުކުރުން، ކުދި ޕްރޮސީޖާތައް ހެދުން އަދި އެކްސްރޭ ނެގުން ފަދަ ހިދުމަތްތައް ދޭނެއެވެ.
މީގެ އިތުރުން އެ ކްލިނިކްތަކުން ބޭސް ފިހާރައެއްގެ ޚިދުމަތް ވެސް ލިބިގެންދާނެއެވެ.


