ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި ދިވެހި ސަރުކާރުން ކުރަންޖެހޭ ކޮންމެ ކަމެއް މި ސަރުކާރުން ކުރާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ،މި ސަރުކާރުން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންގެ ދިފާޢުގައިކަމަށެވެ. އަދ، ިފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ދިވެހި ސަރުކާރުން ކުރައްވަންޖެހޭ ކޮންމެ ކަމެއް މި ސަރުކާރުން ކުރައްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.
ހީނާގެ ވާހަކަފުޅުގައި، ދާދިފަހުން ރާއްޖޭގެ ފަރާތުން ބައިނަލްއަޤުވާމީ ޕްލެޓްފޯމްތަކުގައި ތަޤުރީރު ކުރެއްވި ދެ ވަޒީރުންގެ ވާހަކަފުޅުތަކުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ. އެގޮތުން އ.ދ. ގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދުގެ ވާހަކަފުޅުގައި އެންމެ ވޯޓަކުން ވީޓޯކުރުމުގެ ބާރު ލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ދެއްކެވި ވާހަކަފުޅާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިން އިންތިޒާމްކޮށްގެން ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި ކުރިއަށްގެންދިޔަ، އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓު (އިސްލާމިކް ސަމިޓު) ގައި ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވާފައިވާކަން ފާހަގަކުރެއްވި އެވެ.


