މަސްދުވަހުގެ ޗުއްޓީއަކަށް ފަހު ސްކޫލްތަކުގައި ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު ދަރިވަރުންނަށް މި އަހަރުގެ ކިޔެވުން ފަށާފައި ވަނީ އަހަރުތަކަކަށްފަހު ކުރިން އޮތް ގޮތަށް ޖަނަވަރީ މަހުގައެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދިރާސީ އަހަރުގެ ކިޔެވުން ސަރުކާރު 219 ސްކޫލެއްގައި މިއަދު ވަނީ ފަށާފަ އެވެ.
އަދި އެ ސްކޫލްތަކުގައި ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް 80،715 ދަރިވަރުން މި އަހަރު ތައުލީމު ހާސިލް ކުރާނެ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މިގޮތުން ގްރޭޑް 1 އަށް ވަނުމަށްޓަކައި 4790 ދަރިވަރުންނަށް އެކި ސްކޫލްތަކުން ޖާގަ ދީފައިވާއިރު އޭގެ ތެރޭގައި މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް 1748 ދަރިވަރުން ވަނީ ވައްދާފައެވެ.
މީގެ އިތުރުން އަތޮޅުތެރޭގެ ސްކޫލްތަކުންވެސް ގްރޭޑް 1 އަށް 3042 ދަރިވަރުން ވައްދާފައި ވާއިރު އަތޮޅުތެރޭގެ ސްކޫލްތަކުން މާލޭގެ ސްކޫލްތަކަށް މި އަހަރު 1530 ދަރިވަރަކު ވަނީ ބަދަލުވުމަށް އެދިފައެވެ.
މި އަހަރުގެ ކިޔެވުން ފެށިއިރު ދަރިވަރުންނަށް ކިޔަވައިދިނުމަށް ސަރުކާރުގެ ސްކޫލްތަކުގައި 10500 މުދައްރިސުން ހަރަކާތްތެރިވާނެއެވެ. އޭގެ ތެރޭގައި 8000 ދިވެހި މުދައްރިސުންނާއި ބިދޭސީ 2500 މުދައްރިސުން ހިމެނެއެވެ.
މިދިޔަ ދިރާސީ އަހަރު ނިންމައި ޑިސެމްބަރު 25 ގައި ރިޕޯޓުފޮތްދީ ދަރިވަރުން ބޮޑު ޗުއްޓީއަށް ފޮނުވާފައި ވާއިރު މިއަދު ފެށި ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމުގެ މިޑް ބްރޭކް ލިބޭނީ މެއި 24 އިން 30 އަށެވެ.
އަދި ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި ދަރިވަރުންނަށް ޗުއްޓީ ލިބޭނީ ޖުލައި 17 އިން އޮގަސްޓު 1 އަށެވެ.
މީގެ އިތުރުން ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓު 2 ގަ އެވެ. ހަމައެހެންމެ މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 18 އިން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހާ ހަމައަށެވެ.



