މި އަހަރުގެ ރޯދައަށް ތައްޔާރުވުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މާދަމާ ހުޅުމާލޭގައި ”ރޯދަ ބާޒާރު“ ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެޗްޑީސީން މިއަދު ބުނީ އެ ކޯޕަރޭޝަނާއި ހައިރައިސް ގުޅިގެން މި ބާޒާރު ކުރިއަށްގެންދާނީ މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށެވެ. އެގޮތުން މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން 06:00 އަށް އަދި، 08:00 އިން 11:30 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައި“ރޯދަ ބާޒާރު“ ކުރިއަށްގެންދާނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
”މި ބާޒާރުގައި 50 ސްޓޯލް ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، އެ ސްޓޯލްތަކުން ކައްކާ ތެއްޔާއި، ބަދިގޭގައި ހިފާ ގެންގުޅޭ ތަކެއްޗާއި، ގޭތެރެ ޒީނަތްތެރިކުރާ ތަކެއްޗާއި، އަންނައުނު އަދި ހާޑްވެއާ ސާމާނުގެ އިތުރުން ކާބޯތަކެއްޗާއި އެހެނިހެން ސްޓޯލްތައްވެސް ހުންނާނެ“ އެޗްޑީސީން ބުނެފައި ވެއެވެ.
މިއީ ރަމަޟާން މަހަށް ތައްޔާރުވުމަށް އެޗްޑީސީން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، ރޯދައަށް ގޭތެރެއަށް ބޭނުންވާ ތަކަތި ފަސޭހައިން އެއްތަނަކުން، އަދި އަގުހެޔޮކޮށް ލިބޭނެ ގޮތް މަގުފަހިކުރުމަށް ކުރިއަށްގެންދާ ބާޒާރެކެވެ.
އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެއަކީ ހުރިހާ ހިދުމަތެއްވެސް ފަސޭހަކަމާއެކު ލިބެން ހުންނަ، އަދި ހިތްފަސޭހަ ތަނަކަށް ހެދުމަށް ކަމަށެވެ.




